އެމެރިކާގެ އެންމެ ކާމިޔާބު އެއް ބާސްކެޓް ކުޅުންތެރިޔާ ކަމަށްވާ ކޯބީ ބްރަޔަންޓް ކެރިއަރުގައި ބޭނުންކުރި ދެ ޖާޒީ ނަމްބަރު ދެން އެހެން އެއްވެސް ކުޅުންތެރިއަކު ބޭނުން ނުކުރާނެ ކަމަށް އޭނާ ކުޅުނު ލޮސް އެންޖެލްސް ލޭކާސް އިން ބުނެފިއެވެ.
ބްރަޔަންޓްގެ ދެ ޖާޒީ ވެސް ރިޓަޔާކޮށްފައި ވަނީ އޭނާ ކުޅުނު ޓީމު ކަމަށްވާ ލޮސް އެންޖެލްސް ލޭކާސްއިން އެންބީއޭގައި ގޯލްޑެން ސްޓޭޓް ވޯރިއާސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ. އޭނާގެ މި ދެ ޖާޒީ ނަމްބަރު ވެސް ރިޓަޔާ ކުރެވިގެން ދިޔުމާ އެކު ލޭކާސްގެ އެހެން އެއްވެސް ކުޅުންތެރިޔަކަށް މި ދެ ނަމްބަރު ބޭނުމެއް ނުކުރެވޭނެއެވެ.
ބްރަޔަންޓް 20 އަހަރުގެ ކެރިއަރުގައި އޭނާ ވަނީ ދެ ޖާޒީ ނަމްބަރެއް ބޭނުންކޮށްފައެވެ. އެގޮތުން އޭނާ 1996 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމަޔަށް ބޭނުންކުރީ ލޭކާސްގެ 8 ނަމްބަރު ޖާޒީއެވެ. އަދި އެ އަހަރުން ފެށިގެން މިދިޔަ އަހަރު އޭނާ ރިޓަޔާކުރުމާ ހަމަޔަށް އޭނާ ބޭނުންކުރީ ލޭކާސްގެ 24 ނަމްބަރު ޖާޒީއެވެ.
އޭނާގެ މި ދެ ޖާޒީ ނަމްބަރު ވެސް ރިޓަޔާ ކުރުމާ އެކު ބްރަޔަންޓް ވެގެންދާނީ މި ޝަރަފް އެރުވިގެންދާ ލޭކާސްގެ 10 ވަނަ ކުޅުންތެރިޔާއަށެވެ. އެގޮތުން މިހާރު ވެސް ސްޓޭޕަލްސް ސެންޓަރުގެ ސީލިންގައި ލޭކާސްއަށް ކުޅުނު ބާސްކެޓު ލެޖެންޑުން ކަމަށްވާ ވިލްޓް ޗެމްބަލިންއާ، މެޖިކް ޖޯންސަންއާ، ކަރީމް އަބްދުލް ޖަބްބާރުގެ އިތުރުން ޝެގީލް އޮނީލްގެ ޖާޒީތަށް ވަނީ ރިޓަޔާ ކުރުމަށް ފަހު ޑިސްޕްލޭ ކުރެވިފައެވެ.
ނަމްބަރުތައް ރިޓަޔާކުރި ހަފްލާގައި ބްރަޔަންޓް ބުނެފައި ވަނީ އޭނާއަށް އެރުވިގެންދިޔަ ޝަރަފަކީ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ދާނެ ކަމެއް ނޫން ކަމަށާއި ލޭކާސްއަށް ކުޅެވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އޭނާ ބުނީ ޒުވާން ކުޅުންތެރިން ވެސް އޭނާއާ އަރާހަމަކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އޭނާގެ ވެސް ކުޑައިރުގެ އެންމެ ބޮޑު އުއްމީދަކީ އޭނާގެ ޖާޒީއެއް ސްޓޭޕަލްސް ސެންޓަރުގެ ފާރުގައި އެޅުވިގެން ދިޔުން ކަމަށެވެ. އެކަން ހަގީގަތަކަށް ހެދިއްޖެ ކަމަށާއި އޭނާގެ އުއްމީދަކީ މުސްތަގުބަލުގައި އިތުރު ޖާޒީތަކެއް ރިޓަޔާ ކުރެވިގެން ދިޔުން ކަމަށް ބްރަޔަންޓް ބުނެފައިވެއެވެ.
ލޭކާސްގެ ބާސްކެޓްބޯލް އޮޕަރޭޝަންސްގެ ރައީސް މެޖިކް ޖޯންސަން ބުނީ ބްރަޔަންޓަށް އެރުވުނު ޝަރަފަކީ އޭނާއަށް ހައްގު އެއްޗެއް ކަމަށާއި އޭނާއަކީ މިހާތަނަށް ލޭކާސްއަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.
ލޭކާސްގެ ރައީސް ޖީނީ ބުސް ވިދާޅުވީ މިކަމަކީ ބްރަޔަންޓް ރިޓަޔާކުރި ދުވަހުން ފެށިގެން ކުރަން ނިންމާފައިވާ ކަމެއް ކަމަށާއި އަދި މިކަމަށް އަމަލީ ސިފަ ގެނެވުމަކީ ލޭކާސްގެ ހުރިހާ ސަޕޯޓަރުން އެ މީހުން ހީރޯގެ ކާމިޔާބާއި، ލޭކާސްއަށް އޭނާ ކޮށްދިން މަސައްކަތުގެ އަގު ވަޒަންކުރާކަމުގެ ފުރިހަމަ ހެއްކެއް ކަމަށެވެ.
No. 8 and No. 24 will never be worn again in purple and gold. https://t.co/wFTG8D0Qhl
— Los Angeles Lakers (@Lakers) December 19, 2017
ލޭކާސްއިން އާންމުކޮށް ކުޅުންތެރިންގެ ޖާޒީ ނަމްބަރުތައް ރިޓަޔާކުރަނީ އެ ކުޅުންތެރިން އެންބީއޭގެ ހޯލް އޮފް ފޭމްއަށް ހޮވުމުންނެވެ. ބްރަޔަންޓް ބާސްކެޓްބޯލް ހޯލް އޮފް ފޭމްއަށް ހޮވޭނީ 2021 ވަނަ އަހަރު ކަމުގައި ވިޔަސް ލޭކާސްއިން ނިންމާފައި ވަނީ އޭނާގެ ދެ ޖާޒީ ނަމްބަރު ވެސް އަވަހަށް ރިޓަޔާ ކުރުމަށެވެ. މިއީ ބްރަޔަންޓް ރިޓަޔާ ކުރި ދުވަހުން ފެށިގެން ކުރަން ނިންމަފައިވާ ކަމެއް ކަމަށް ލޭކާސްގެ ރައީސް ވިދާޅުވިއެވެ.
އުމުރުން 39 އަހަރުގެ ބްރަޔަންޓް 2016 ވަނަ އަހަރު ރިޓަޔާކޮށްފައިވާ އިރު އޭނާ ވަނީ ލޭކާސްއާ އެކު ފަސް ފަހަރު އެންބީއޭ ޗެމްޕިއަންޝިޕް ހޯދާފައެވެ. ހަމައެހެންމެ 2008 ވަނަ އަހަރު އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން އޭނާ ވަނީ ދެ ފަހަރު އެންބީއޭ ފައިނަލްސްގެ އެމްވީޕީކަން ވެސް ހޯދާފައެވެ. އޭނާގެ ކާމިޔާބު ކެރިއަރުގައި ޖުމްލަ 18 ފަހަރެއްގެ މަތިން އެންބީއޭގެ އޯލް ސްޓާ ޓީމުގައި ހިމެނިފައިވާއިރު އޭނާއަކީ މިހާތަނަށް އެންބީއޭގައި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. މީގެ އިތުރުން އޭނާ ވަނީ އެމެރިކާގެ ގައުމީ ޓީމާއެކު ދެ ފަހަރެއްގެ މަތިން އޮލިމްޕިކް ރަން މެޑަލްވެސް ހޯދާފައެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާއަކީ މައިކަލް ޖޯޑަންގެ ފަހުން އެންބީއޭގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ.