ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އައިނުގެ ނަންބަރު ވަނީ މަތިވެފައިކަމަށާއި ނަންބަރު އައު ކުރުމަށް އޭޑީކޭއަށް މިދިޔަ މަހުގެ 27 ގައި ފައިސާ ދައްކާފައި ވީނަމަވެސް އަދިވެސް ބޭނުންކުރަނީ ކުރީގެ އައިނު ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު ކުރީގައި ބޭނުންކުރި ނަންބަރު އައިނު ބޭނުންކުރާތީ ފުސްކޮށް ފެންނަ ވާހަކަ ވިދާޅުވެފައިވާކަމަށެވެ.
ކުރީގައި ބޭނުން ކުރީ 1.75 ގެ ނަންބަރު އައިނެއްކަމަށާއި އެހެން ނަމަވެސް މިހާރު އެ ނަންބަރު 2.50 އަށް މަތިވެފައިވާކަމަށް ނަޝްވާގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ. އަދި 4 އައިނު ގަތުމަށް މިހާތަނަށް ފައިސާ ދައްކާފައި ވީނަމަވެސް އަދިވެސް އައިނު އައު ކޮށްދީފައި ނުވާކަމަށް ނަޝްވާ ވިދާޅުވިއެވެ. ނަޝްވާ ވިދާޅުވެފައިވަނީ އަދީބު ޖަލުގައި ބަންދުކުރި ފަހުން އަދި މިހާތަނަށް އަދީބުގެ އައިނު ބަދަލު ނުކުރާކަމަށެވެ.
Adeeb's glasses prescription number has increased & worsened from 1.75 to 2.50 since his arrest due to glaucoma & severe eye condition. We hav paid 4 his new glasses since Nov 27 & it has not been given yet. A pair of prescription specs requires special permits just cz its Adeeb?
— Nash (@maryam_nashwa) December 19, 2017
ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަކޮށްލުމަށް ރޭވި ކަމުގެ ކުށުގައި އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވާއިރު ލޮލަށް ގްލޮކޮމާ ޖެހިފައިވާކަމަށާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.