ކޯލިޝަން ޕާޓީތަކުގެ ލީޑަރުން ފިޔަވާ ވަކި މެމްބަރެއްގެ ފަރުދީ ބަހަކީ ޕާޓީގެ ބަސްކަމުގައި ބަލާނަމަ ޕާޓީތަކުގެ ގުޅުމަށް ބުރޫ އަރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހއ. ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
ޑރ. މައުސޫމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޯލިޝަން ޕާޓީތަކުގެ ވަކިވަކި މެމްބަރުންގެ ފަރުދީ ބަހަކީ ޕާޓީތަކުގެ ރަސްމީ ބަސްކަމުގައި ބަލައިފިނަމަ ޕާޓީތަކުގެ ގުޅުމަށް ބުރޫ އަރާނެ ކަމަށެވެ. ހަމައެހެންމެ މި ޓްވީޓުގައި އޭނާވަނީ ގުޅިފައިވާ ހަތަރު ޕާޓީއަށް ނިސްބަތްވާ ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
Coalition party thakuge (leadaru fiyavaa) vaki membarehge farudhee bahakee party ge rasmee baskamuga balaanama party thakuge gulhumah buroo araane.
— Abdulla Mausoom (@Mausoom_Maus) December 18, 2017
Gulhifaivaa 4 party ah nisbaiyvaa enmehaa siyaasee hayyareen dhookohlaa!!#Maldives #United4Justice #opposition #Coalition #MUO
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޑރ. މައުސޫމު ވިދާޅުވީ މި ޓްވީޓަކީ އެއްވެސް ހާލެއްގައި ވަކި މެމްބަރަކަށް ނިސްބަތްކޮށް ކުރެއްވި ޓްވީޓެއް ނޫން ކަމަށާއި މި ޓްވީޓަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ހުރިހާ މެމްބަރުންނަށް ނިސްބަތްވާ ގޮތަށް ކުރެއްވި ޓްވީޓެއް ކަމަށެވެ.
ހަމައެހެންމެ އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް ދެމިއޮންނަނީ އެ ޕާޓީތަކުގެ މެމްބަރުންގެ މެދުގައި އޮންނަ ގުޅުމަށް ކަމަށާއި މާޒީގައި ހިނގާފައިވާ ކަންކަމުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކަށް ބަސް ބުނުމަކީ މި ގުޅުން ހީނަރުވާނެ ކަމެއް ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕް ލެވެލްގައި ވަރަށް ރަނގަޅު ގުޅުމެއް ބިނާވެފައިވާ ކަމަށާއި އާންމު މެމްބަރުންގެ މެދުގައި ހިނގާ ކަންކަމުގެ ސަބަބުން މި ގުޅުމަށް ބުރޫ އެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މައުސޫމު ވިދާޅުވިއެވެ.
މައުސޫމު މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު މި ދަނޑިވަޅަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެކެވެ.