ހއ މޮޅަދޫ އިންޖީނުގޭގެ ތިޖޫރީ ވަގަށް ނެގި މައްސަލައިގައި ގެއްލުނު ހުރިހާ ފައިސާއެއް ހޯދައިފިއެވެ.
ފުލުހުން ބުނީ ހއ މޮޅަދޫ އިންޖީނުގޭގެ ތިޖޫރީ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި 2 މީހުންގެ ތެރެއިން އެކެއްގެ ގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު، އެމައްސަލައިގައި ނުފެނި ހުރި ފައިސާ ފެނިފައިވާކަމަށެވެ. އަދި ތިޖޫރީގައި ހުރިކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނާ އަދަދަށް ފައިސާ ހަމަވެފައިވާކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ތިޖޫރީ ފެޅުމަށް ބޭނުންކުރި އާލާތްތައްވެސް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ 20 އަހަރާއި 26 އަހަރުގެ ދެ މީހުން ކަމަށެވެ. މިމައްސަލައިގައި އެންމެ ފުރަތަމަ އެތަނުން އެކެއްގެ ގެޔާއި އިތުރު ދެ ތަނެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަ ށް ފުލުހުން ކުރިން ބުނެފައިވެއެވެ. އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތިޖޫރި ވަގަށް ނެގިއިރު ތިރީސް އަސްހާސް ހަތްސަތޭކަ ސާޅީސް ރުފިޔާ ހުރިކަމަށް ރަށު ކައުންސިލުން މައުލޫމާތުދީފައިވެއެވެ. އާދިއްތަ ދުވަހު ހެނދުނު ފުލުހުން ތިޖޫރި ހޯދި ނަމަވެސް ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތެވެ.