ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި ވެލިން މުއްސަނދި ކުރުމަށް ވެލިނެގުމުގެ އުސޫލެއް އާންމުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ މި އުސޫލުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. އަދި ވެލިން މުއްސަނދި ކުރުމަށް ވެލި ނެގުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމާއެކު، ޓޫރިޒަމާބެހޭ މިނިސްޓްރީން މި އުސޫލު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ ކަމާބެހޭ މުވައްޒަފުންނަށް އިރުޝާދު ދިނުމެވެ.
މި އުސޫލުގެ ދަށުން ގޮނޑުދޮށްތައް މަރާމާތު ކުރެވޭނީ ރަށުގެ ހޭޅިފަށުން ފެށިގެން 10 މީޓަރު ބޭރަށް މޫދައްވާގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
މިގޮތަށް ގޮނޑުދޮށުން ވެލި ނަގާކަމުގައިވާ ނަމަ، އެކަމާ ގުޅޭ ލިޔުންތައް ޓޫރިޒަމް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަން ޖެހޭނެ ކަަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ތަރައްގީކުރުމުގައި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް މި އުސޫލުގެ ދަށުން އެކުލަވާލަންޖެހެ އެވެ. އަދި ވެލިނެގުމުގެ ހުއްދަ ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ލިބުމުން ވެލީގެ އަގަށްވާ ފައިސާ ދައްކާ އެކަމުގެ ރަސީދު ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ކަމަށް އެ އިދާރާއިން ހާމަކުރެ އެވެ.
މި އުސޫލުގައިވަނީ ވެލި ނަގާނެ ތަންތަން ވެސް ކަނޑައަޅާފަ އެވެ. އެގޮތުން ވެލިގެނުމަށް ހުށަހަޅާ ފަޅަކީ ހިނގަމުންދާ ރިސޯޓާއި ތަރައްގީ ކުރަމުންދާ ރިސޯޓުތަކާ ދުރުގައިވާ ފަޅަކަށްވުމާއި ވަކިން އޮންނަ ފަޅަކަށް ވާންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި އެފަޅަކީ ގުދުރަތީ ގޮތުން ވެލީގެ މުއްސަދިކަން ލިބިފައިވާ ފަޅަކަށްވުމާއި ރައްކާތެރިކޮށް ދަމަހައްޓަމުންދާ ތަނަކަށް ނުވުމާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދަކަށް ވެގެން ނުވާނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
މިގޮތަށް ވެލި ނެގުމަށް ފަހު ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީންގެ އުސޫލުގައި ބުނެ އެވެ. އެގޮތުން ނަގާ ކޮންމެ ކިޔުބިކް މީޓަރަކަށް ތިން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ ކަަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. މިގޮތަށް ތަރައްގީ ކުރާ ނަމަ އެންމެ ގިނަވެގެން ނެގޭނީ 30،000 ކިޔުބިކް މީޓަރުގެ ވެލި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެއަދަށް ވެލި ނަގާނަމަ ދައުލަތަށް 90،000 ޑޮލަރު ދައްކަންޖެހޭނެ އެވެ. އެއީ ދިވެހި ރުފިޔާ އިން ނަމަ ގާތްގަނޑަަކަށް 1.3 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ވެލިނަގާ ސަރަަހައްދުގެ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން އެ ސަރަހައްދުތަކަށް ކުނި ނޭޅުމަށާއި ނުވަތަ ގޮނޑުދޮށް ތަރައްގީ ކުރުމުގައި ވެސް އެއްވެސް ބާވަތެއްގެ ވެއްޔެއް ކުންޏާ އެއް ނުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
މި އުސޫލާ ހިލާފަށް އެކި ސަރަހައްދުތަކުން ވެލި ނަގާކަމުގައިވާ ނަަމަ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.