ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު މިހާރު ވީ އެ ދެ މީހުންގެ ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ޚާންގެ ފުރަތަމަ އުފަން ދުވަސް ފާހަގަ ކުރުމަށް އިންޑިއާގެ ޕަޓައުޑީގައެވެ.
ތައިމޫރުގެ އުފަން ދުވަހަކީ މިމަހުގެ 20 ވަނަ ދުވަހެވެ. ކަރީނާގެ ދައްތަ ކަރިޝްމާ ކަޕޫރުވެސް ވީ ޕަޓައުޑީގައެވެ.
ޕަޓައުޑީއަށް ދިޔަފަހުން ކޮންމެ ދުވަހަކުވެސް ސައިފް އާއި ކަރީނާ އަދި ތައިމޫރު އެކީގައި ނަގާފައިވާ އާ ފޮޓޯތައް ދަނީ ދައުރުވަމުންނެވެ. އޭގެން ކޮންމެ ފޮޓޯއަކަށްވެސް ބެލުންތެރިންގެ ސަޕޯޓާއި ލޯބި އަންނަނީ ލިބެމުންނެވެ.
އެންމެ ފަހުން އާންމު ވެފައިވާ ފޮޓޯއަކީ ސައިފް އާއި ތައިމޫރު އަސް ދުއްވުމަށް އަހަށް އަރައިގެން ތިއްބައި ނަގާފައިވާ ފޮޓޯއެކެވެ. އަހުގެ ކައިރީގައި ކަރީނާވެސް ހެވިފައި ހުއްޓެވެ. މިއީ ތައިމޫރު ފުރަތަމަ އަހަކަށް އެރި ފަހަރެވެ.
ތައިމޫރުގެ އުފަންދުވަހަށް ޕަޓައުޑީގެ ޕެލަސްއެއް އެކިވައްތަރުގެ ކުލަ ބޮކިތަކާއި އެކު ތައްޔާރު ކުރާނެކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.
މީގެ ކުރިން ތައިމޫރުގެ އުފަންދުވަހާބެހޭ ގޮތުން ކަރިޝްމާ ކައިރީގައި އެހުމުން އޭނާ ބުނެފައި ވަނީ ތައިމޫރުގެ އުފަން ދުވަސް މުޅި އާއިލާއަށް މުހިއްމު ކަމަށާއި އުފަންދުވަހުގައި މާބޮޑު ޕާޓީއެއް ނުބާއްވާނެ ކަމަށެވެ. އެ ޕާޓީގައި ތައިމޫރު ލާނެ ހެދުމަކީ އިންޑިއާގެ ވަރަށް ސަގާފީ ހެދުމެއް ކަމަށާއި އެ ޕާޓީއަށް ދައުވަތު އަރުވާނީ ގާތްތިމާގެ މީހުންނާއި ގާތް އެކުވެރިންނަށް ކަމަށް ކަރިޝްމާ ބުންޏެވެ. އަދި އެހާ ބޮޑު ހަފްލާއެއް ތައިމޫރުގެ އުފަންދުވަހު ނުބާއްވާނެ ކަމަށް ކަރިޝްމާ ބުންޏެވެ.
ތައިމޫރުގެ މާމަ އަދި ސައިފްގެ މަންމަ ޝަރުމީލާ ބުނެފައިވަނީ އެއްޗެހި ހަނދާން ހުންނަވަރަށްވުރެ އަދި ތައިމޫރު ޅަ ކަމަށާއި ބޮޑު ހަފްލާއެއް ބާއްވައިފިނަމަ ތައިމޫރަށް އުނދަގޫ ވެދާނެތީ ކުޑަ ހަފްލާއެއް ބޭއްވުން މާ ބުއްދިވެރިކަމަށެވެ. އެހެން ކަމުން އާއިލާ މީހުންނާއި އެންމެ ގާތް ރައްޓެހިންނަށް ދައުވަތު އަރުވައިގެން ކުޑަހަފްލާއެއް ބާއްވާނީ ކަމަށް ޝަރުމީލާ ވަނީ ބުނެފައެވެ. ތައިމޫރުގެ އުފަންދުވަހަކީ މާދަމާ ކަމަށްވާއިރު މިހާރު ކަރީނާގެ އާއިލާގެ މީހުންނާއި ސައިފްގެ އާއިލާގެ މީހުންވީ ޕަޓައުޑީގައި ކަމަށް ޚަބަރުތައް ބުނެއެވެ.