ސްޕެއިންގެ ރެއާލް މެޑްރިޑްއަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތައް ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ހުނަރުވެރި ފޯވާޑް މުހައްމަދު ސަލާހު ދޮގު ކޮށްފިއެވެ.
އިޓަލީގެ ރޯމާގައި މިދިޔަ ސީޒަނު މޮޅު ކުޅުމެއް ދެއްކުމަށް ފަހު 38 މިލިއަން ޕައުންޑުގެ ފީއަކަށް ސަލާހު ލިވަޕޫލްއަށް ބަދަލުވެފައިވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ. ލިވަޕޫލްއަށް ބަދަލުވުމަށް ފަހު އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ސްޕެއިންގެ ރެއާލް މެޑްރިޑުން ވަނީ އޭނާ ގެންދިޔުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އެގޮތުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން މީގެކުރިން ދިން އިންޓަވިއުއެއްގައި ބުނީ ސަލާހުއަކީ މޮޅު ކުޅުންތެރިޔެއްކަން އޭނާ މިހާތަނަށް ކުޅުނު ހުރިހާ ޓީމެއްގައި ވެސް ދައްކާފައިވާ ކަމަށާއި އޭނާއަކީ އަދިވެސް ކުޅުން ރަނގަޅު ކުރުމަށް ވަގުތު އޮތް ކުޅުންތެރިޔެއް ކަމަށެވެ. ޒިދާން މިގޮތަށް ވާހަކަ ދެއްކުމާއެކު މީޑިއާތަކުން ވަނީ ރެއާލްއަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ ރިޕޯޓުތައް ކޮށްފައެވެ.
އެހެން ނަމަވެސް ލިވަޕޫލްގެ ރަސްމީ ވެބްސައިޓާ ވާހަކަ ދައްކަމުން ސަލާހު ބުނީ ލިވަޕޫލްއަކީ އޭނާގެ ޓީމެއް ކަމަށް ގަބޫލް ކުރެވޭ ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް ލިވަޕޫލްގައި ހުރެގެން މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ. މުސްތަގުބަލު އޮތީ ލިވަޕޫލްގައި ކަން ފާހަގަކުރަމުން ސަލާހު ބުނީ އަދިވެސް އޭނާގެ ފަރާތުން ފެންނަ ކުޅުން މޮޅުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މި އިންޓަވިއުގައި ސަލާހު ބުނީ މީގެކުރިން ޗެލްސީއަށް ކުޅުނު ދުވަސްވަރު ޕްރިމިއާ ލީގު ކާމިޔާބު ކުރެވުނު ކަމަށާއި ލިވަޕޫލާއާއެކު ޕްރިމިއާ ލީގު ހޯދުމަކީ ވެސް ދެކޭ ހުވަފެނެއް ކަމަށެވެ. ޓީމުގައި ތިބީ މޮޅެތި ކުޅުންތެރިން ކަމަށާއި ކޯޗަކީ ވެސް ފާހަގަކޮށްލެވޭ މޮޅު ކޯޗަކަށް ވުމާއެކު ލިވަޕޫލްގައި ހުރެގެން ތަށި ހޯދުމަކީ ނުވާނެ ކަމެއް ނޫން ކަމަށް ސަލާހު ހާމަކުރިއެވެ.
މީގެކުރިން ޗެލްސީއަށް ވެސް ކުޅުނު ސަލާހު ބުނީ އޭނާ ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި ހުރެ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލްއަށް ކުޅުމުގެ ޝައުގު އުފެދުނު ކަމަށާއި 'އެންފީލްޑް' އަކީ އެފަދަ ދެވަނައެއް ނުވާ ސްޓޭޑިއަމެއް ކަމަށެވެ. އޭނާ ބުނީ ލިވަޕޫލްއަށް ބަދަލުވި މައިގަނޑު އެއް ސަބަބަކީ އެ ޓީމުގެ ސްޓޭޑިއަމްގައި ކުޅުމަކީ އޭނާ ވަރަށް އުއްމީދު ކުރި ކަމަކަށްވާތީ ކަމަށެވެ.. މީގެކުރިން ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ވެސް ސްޓޭޑިއަމްގެ އަޑު އިވުމަށް ފަހު އުފާވި ކަމަށާއި އެހެނަސް އެ ޓީމަށް ކުޅުމަކީ ލިބޭ ފަހުރެއް ކަމަށް ސަލާހު ބުނެފައިވެއެވެ.
ލިވަޕޫލްއަކީ އޭނާއަށް އެންމެ ރަނގަޅު ކްލަބުތޯ ގިނަބަޔަކު ސުވާލުކުރާ ކަމަށާއި އެކަމަށް އޭނާ ޖަވާބުދާރީވާން ނުޖެހޭ ކަމަށް ވެސް ސަލާހު ބުނެފައިވެއެވެ. އޭނާ ބުނީ ޕްލޭސްޓޭޝަން ކުޅޭއިރުވެސް އެންމެ ގިނައިން ނަގާ ޓީމަކީ ލިވަޕޫލް ކަމަށާއި ސްޓީވެން ޖެރާޑްއާ ޖެއިމީ ކެރަގާ އަދި މައިކަލް އޮވެންގެ އިތުރުން ޒަބީ އަލޮންސޯ ފަދަ ކުޅުންތެރިން އެ ޓީމަށް ކުޅެފައިވުމަކީ ލިވަޕޫލްއަށް ބަދަލުވުމަށް ނިންމި މައިގަނޑު އެއް ސަބަބު ކަމަށެވެ.
ސަލާހު އަންނަނީ މި ސީޒަނުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޭނާ އޮތްއިރު މި ސީޒަނުގެ މިހާތަނަށް ކުޅުނު 26 މެޗުގައި އޭނާ ވަނީ ލިވަޕޫލްއަށް 20 ލަނޑު ޖަހައިދީފައެވެ.