އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ރައްޔަތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރިޔާސަތުން ވަކިކޮށް، ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލިސް ތެރެއިން ނަގާނެ ކަމަށް ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ.މަޖީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ހިސޯރުކުރައްވައިގެން ހުންނެވި މަސީހު މަގާމުން ދުރުކުރާނެ ކަމަށާއި، އެއަށްފަހު އެ މަގާމަށް މަޖިލީހުގެ އައުލަބިއްޔަތު ތަމްސީލްކުރާ މެމްބަރު އައްޔަންކުރާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކުރިން މަޖިލިސް ތެރެއިން ރައީސް ޔާމީންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނެ ކަމަށާއި، ސިޔާސީ ހައްޔަރިން މިނިވަންކުރުމަށްފަހު، ހުރިހާ އެންމެންނަށް ބައިވެރިވެވޭ އިންތިހާބެއް ބާއްވާނެ ކަމަށް ވެސް ޑރ. މަޖީދު ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމަށް ފަހު، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެންލިގެން ދިޔުމާ ގުޅިގެން 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލާފައިވާއިރު، ޑރ. މަޖީދު ވިދާޅުވީ އެ ބޭފުޅުންގެ ގޮނޑިވެސް ހަގީގަތުގައި ނުގެއްލޭ ކަމަށެވެ. އަދި ރައްޔަތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންމްބަރު ފާރިޝް މައުމޫން އަށް ދިމާވެފައިވާ މުސީބާތުންވެސް ވަރަށް އަވަހަށް ސަލާމަތްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ.މަޖީދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެޓީވީ އަށް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދުމުގެ މަސައްކަތްތައްކުރާއިރު އެކަމުގައި ބޭރުގެ ފަރާތްތަކުގެ ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުގެ މަސައްކަތްތައް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.