ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 22:02
ޖެރޫސަލަމްގެ މަންޒަރެއް - ޖެރޫސަލަމް އަކީ އިޒްރޭލުން ފޭރިގަނެފައިވާ ސިޓީއެއް
ޖެރޫސަލަމްގެ މަންޒަރެއް - ޖެރޫސަލަމް އަކީ އިޒްރޭލުން ފޭރިގަނެފައިވާ ސިޓީއެއް
ޖެރޫސަލަމް
ޖެރޫސަލަމް އިޒްރޭލްގެ ވެރިރަށަށް ނުވާނެ ސަބަބު
އިޒްރޭލުން ޖެރޫސަލަމް އަށް ވެރިވެ ގަނެގެން އުޅެނީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް

މިހިނގާ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު މުޅި ދުނިޔެއަށް ހައިރާންކަން ގެނުވި ނިންމެވުމެއް އެމެރިކާގެ ރައީސް ޓްރަމްޕް އިއުލާން ކުރެއްވިއެވެ. އެއީ އިޒްރޭލްގެ ވެރި ރަށަކީ ޖެރޫސަލަމް ކަމަށް ކަނޑައެޅުއްވުމާއި، އަދި އިޒްރޭލްގައި ހުންނަ އެމެރިކާގެ އެމްބަސީ ޖެރޫސަލަމް އަށް ބަދަލު ކުރެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވި ކަން އިއުލާން ކުރެއްވުމެވެ.

ޓްރަމްޕް އެކަން އިއުލާން ކުރެއްވުމާއެކު މުޅި ދުނިޔެއިން ޓްރަމްޕްގެ ނިންމެވުން ކުށްވެރިކުރިއެވެ. ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާޅު ކުރިއެވެ. މުޒާހަރާތަކާ އެއްވުންތައް އެތައް ގައުމެއްގައި ބޭއްވިއެވެ.

އިޒްރޭލުން އިރުމަތީ ޖެރުސަލަމް ހިސާރު ކުރީ 1967 ވަނަ އަހަރު ސީރިއާ އާއި މިސްރާއި ޖޯޑްން އާ ދެކޮޅަށް ކުރި ހަނގުރާމަ އަށް ފަހުގައެވެ. އަދި އޭގެ ކުރިން 1948 ވަނަ އަހަރު އަރަބި އިޒްރޭލް ހަނގުރާމަ އަށް ފަހު ހުޅަނގު ޖެރޫސަލަމް އިޒްރޭލް ސިފައިން އޮތީ ހިފާފައެވެ. އެހެން ކަމުން އިރުމަތީ ޖެރޫސަލަމް އިޒްރޭލް ސިފައިން ހިފުމާއެކު މުޅި ޖެރޫސަލަމް އިޒްރޭލްގެ މުށުތެރެއަށް ލެވުނީއެވެ. އިޒްރޭލުން މުޅި ޖެރޫސަލަމް ގައި އަތްގަދަ ކޮށްފައި އޮތަސް ދުނިޔެއިން އެއީ އިޒްރޭލްގެ ތަނެއްގެ ގޮތުގައި ބަލައިގަނެފައެއް ނުވެއެވެ.

ބައިނަލް އަގްވާމީ މުޖްތަމައުން ދެކޭ ގޮތް

އިޒްރޭލާ ފަލަސްތީން ބައިކުރުމަށް 1947 ވަނަ އަހަރު އ.ދ އިން ފާސްކޮށްފައިވާ "ޔޫއެން ޕާޓިޝަން ޕްލޭން" ގައި ޖެރޫސަލަމް އަށް ދީފައި އޮތީ ޚާއްސަ ހައިސިއްޔަތެކެވެ. އެ ޕްލޭންގައިވާ ގޮތުން ޖެރޫސަލަމް އޮންނާނީ ބައިނަލް އަގްވާމީ މުޖްތަމައުގެ ބާރުގެ ދަށުގައި އޮންނަ ތަނެއްގެ ގޮތުގައެވެ. ސަބަބެއް ކަމުގައި ވަނީ ތަފާތު ދީން ތަކަށް އެ ޝަހަރުގެ މުހިންމު ކަން ބޮޑުވުމެވެ.

އދ. އިން އިޒްރޭލާއި ފަލަސްތީންގެ އިން ވަކި ކުރާނެ ގޮތް ކަނޑައަޅާ ފާސްކޮށްފައިވަނިކޮށް އެއަށް އެއްވެސް ބެލުމެއް ނެތި 1948 ވަނަ އަހަރު ހުޅަނގު ޖެރޫސަލަމް އިޒްރޭލުން ހިސޯރު ކުރިއެވެ. އަދި އެއީ އިޒްރޭލުގެ ބައެއްގެ ގޮތުގައި އަމިއްލަ އަށް ކަނޑައަޅާ ވެރިވެ ގަތެވެ.

1967 ވަނަ އަހަރު އިޒްރޭލުން ޖެރޫސަލަމްގެ އިރުމަތީބައި ހިފި އިރު އެތަން އޮތީ އުރުދުންގެ ބާރުގެ ދަށުގައެވެ. އަދި އެ އަހަރު ކުރި ހަނގުރާމައަށް ފަހު ބައިނަލް އަގްވާމީ ގާނޫތަކުގައި ކޮޅުފައިން ޖެހުމަށްފަހު އިރުމަތީ ޖެރޫސަލަމް އަކީވެސް އިޒްރޭލްގެ ބައެއްގެ ގޮތުގައި އަމިއްލަ އަށް ހަމަޖެއްސިއެވެ.

1980 ވަނަ އަހަރު އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން "ޖެރޫސަލަމް ލޯ" ގެ ނަމުގައި ގާނޫނެއް ފާސްކޮށް ޖެރޫސަލަމް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅިއެވެ.

އެއާ ގުޅިގެން އދ ގެ ސަލާމަތީ މަޖިލީހުން 1980 ވަނަ އަހަރު ފާސްކުރި 478 ވަނަ ގަރާރުން އިޒްރޭލުން ފާސްކުރި "ޖެރޫސަލަމް ލޯ" އަކީ ބާތިލް އެއްޗެއްގެ ގޮތުގައި ވަނީ ފާސް ކޮށްފައެވެ.

ބައިނަލް އަގްވާމީ މުޖްތަމައުން މިއަދާ ހަމައަށްވެސް ބުނަމުންދަނީ އިރުމަތީ ޖެރޫސަލަމް އަކީ އިޒްރޭލުން ހިފާފައިވާ ބިމެއް ކަމުގައެވެ. އޭގެ އިތުރުން ދުނިޔޭގެ އެއްވެސް ގައުމަކުން ޖެރޫސަލަމް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެފައެއްވެސް ނެތެވެ. މީގައި އިސްތިނާ ވަނީ އެމެރިކާ އާއި ރަޝިއާ އެވެ. ރަޝިއާ އިން ގަބޫލު ކޮށްފައިވަނީ ހުޅަނގު ޖެރޫސަލަމް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައެވެ. އަދި އިރުމަތީ ޖެރޫސަލަމް އަކީ ފަލަސްތީންގެ އަލަށް އުފެދޭ ދައުލަތުގެ ވެރި ރަށުގެ ގޮތުގައެވެ. މިއަދާ ހަމައަށް އައި އިރު ދުނިޔޭގެ ގައުމު ތަކުން އިޒްރޭލުގައި ގާއިމް ކޮށްފައިވާ އެމްބަސީތައް ހުރީ ވެރިރަށް ޓެލްއަވީވް ގައެވެ. ބައެއް ގައުމުތަކުން ކޮންސިއުލޭޓް އޮފީސްތައް ޖެރޫސަލަމް ގައި ގާއިމް ކޮށްފައި އެބަހުއްޓެވެ.

ޖެރޫސަލަމްގައި ވަޒަންވެރިވެފައިވާ ފަލަސްތީން މީހުން

އިޒްރޭލުން ޖެރޫސަލަމް އަކީ އިޒްރޭލުގެ ތަނެއް ކަމަށް ކަނޑައަޅާ އިއުލާން ކުރިއެއް ކަމަކު އިރުމަތީ ޖެރުސަލަމް ގައި ވަޒަންވެރިވެގެން އުޅޭ ފަލަސްތީން ރައްޔިތުން މިއަދާ ހަމައަށްވެސް އިޒްރޭލުގެ ރައްޔިތުންގެ ގޮތުގައި ހަމަޖައްސާފައެއް ނުވެއެވެ. އިރުމަތީ ޖެރޫސަލަމް ގައި ގާތްގަނޑަކަށް 420،000 ފަލަސްތީން މީހުން ދިރިއުޅެމުން ދާއިރު، އިޒްރޭލުން އެމީހުންނަށް ދީފައިވަނީ ދާއިމީ ވަޒަންވެރިންކަން އަންގައިދޭ ކާޑެކެވެ. އެމީހުންގެ ޕާސްޕޯޓަކީ އުރުދުންގެ ވަގުތީ ޕާސްޕޯޓެވެ. އޭގެ މާނައަކީ އެއީ އުރުދުންގެ ފުރިހަމަ ރައްޔިތުންނަށްވެސް ނުވާ ބައެކެވެ. އެއާއެކު އުރުދުންގައި މަސައްކަތް ކުރަން އެމީހުންނަށް ވޯކް ޕާމިޓް ބޭނުންވެއެވެ. އަދި އުރުދުންގެ ފުރިހަމަ ރައްޔިތަކަށް ވުމުން ލިބޭ އެއްވެސް ހައްގެއް އެމީހުންނަކަށް ނުލިބެއެވެ. އެހެން ކަމުން އިރުމަތީ ޖެރޫސަލަމް ގައި އުޅޭ ފަލަސްތީން މީހުންނަކީ އެއްވެސް ތަނެއްގައި ލައްވާލާ ބައެއް ނޫނެވެ. އެއީ އެއްވެސް ދައުލަތަކަށް ނިސްބަތްވާ ބައެއް ނޫނެވެ. އެއީ ފަލަސްތީން ރައްޔިތުންނެއް ނޫނެވެ. އެއީ އުރުދުންގެ ރައްޔިތުންނެއްވެސް ނޫނެވެ. އަދި އެއީ އިޒްރޭލްގެ ރައްޔިތުންނެއްވެސް ނޫނެވެ. އިޒްރޭލުން ދެކޭ ގޮތުގައި އިރުމަތީ ޖެރޫސަލަމްގައި އުޅޭ ފަލަސްތީން މީހުންނަކީ ބޭރުން ހިޖްރަ ކޮށްފައިވާ ބައެކެވެ. އަދި އެތަނުގައި އެމީހުން ދިރިއުޅެނީ އިޒްރޭލްގެ ދައުލަތުން ދީފައިވާ ޚާއްސަ އިނާޔަތެއްގެ ދަށުންނެވެ. އެތަނަށް އުފަންވެފައިވާ މީހުންނަށް އެމީހުން ވީ ކަމަކު އެއީ އެމީހުންނަށް ލިބިފައިވާ ހައްގުތަކެއްގެ ސަބަބުން ލިބިފައިވާ ފުރުސަތެއް ނޫނެވެ.

އިޒްރޭލް މީހުން ވަޒަންވެރި ކުރުވުން

އިރުމަތީ ޖެރޫސަލަމް ގައި އިޒްރޭލުން ހިންގާ ވަޒަންވެރި ކުރުވުމުގެ މަޝްރޫއަކީ ބައިނަލް އަގްވާމީ މުޖްތަމައުން ކުށްވެރިކޮށްފައިވާ މަޝްރޫއެކެވެ. އދ އިން ތަކުރާރުކޮށް ބުނެފައިވަނީ، އިޒްރޭލުން އިރުމަތީ ޖެރޫސަލަމް ގައި ހިންގާ ޔަހޫދީން އެތަނުގައި ވަޒަންވެރި ކުރުވުމުގެ ޕްރޮގްރާމަކީ "ފޯތު ޖެނީވާ ކޮންވެންޝަން" އާ މުޅިން ޚިލާފް ހަރަކާތެއް ކަމުގައެވެ. މި ދެންނެވި މުއާހަދާ ބުނާ ގޮތުން، ގައުމަކުން ހިފާފައިވާ ސަރަހައްދެއްގައި އެ ގައުމެއްގެ ރައްޔިތުން ވަޒަންވެރި ކުރުވުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނޭ ކަމެއް ނޫނެވެ. އެއީ ބައިނަލް އަގްވާމީ ގޮތުން މުޅިން މަނާ ކަމެކެވެ. ކަން މިހެން އޮތް ނަމަވެސް 1967 ވަނަ އަހަރުގެ ފަހުން އިޒްރޭލުންވަނީ އިރުމަތީ ޖެރޫސަލަމްގައި ޔަހޫދީންނަށް ގެދޮރު ބިނާ ކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައެވެ. އިރުމަތީ ޖެރޫސަލަމްގައި ދެ ލައްކައެއްހާ ޔަހޫދީން މިހާރު ވަޒަންވެރި ކޮށްފިއެވެ. އެމީހުން އެތަނުގައި ދިރިއުޅެމުންދަނީ އިޒްރޭލް ސިފައިންނާއި ފުލުހުންގެ ފުރިހަމަ ރައްކާތެރިކަމާ ހިމާޔަތުގެ ދަށުގައެވެ. ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިޒްރޭލުން ހިންގާ ޕްރޮގްރާމަކީ ފަލަސްތީން ރައްޔިތުން އިތުރަށް އަޅުވެތިކޮށް، ދުއްތުރާތައް ކުރިމަތިކޮށް އަދި އުނދަގޫތައް ކުރިމަތިކުރުވުމުގެ ބޭނުންވެސް އޭގައި ހިމެނިގެން ހިންގާ ޕްރޮގްރާމެކެވެ.

އިޒްރޭލާ ފަލަސްތީނާ ދެމެދު ސުލްހައިގެ މަގެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އެންމެ ނާޒުކު އަދި އުނދަގޫ މައްސަލައަކަށް ޖެރޫސަލަމްގެ މައްސަލަވެފައި އޮއްވާ، އެމެރިކާ އިން ޖެރޫސަލަމް އަކީ އިޒްރޭލުގެ ވެރި ރަށް ކަމަށް ގަބޫލު ކުރާކަން އިއުލާން ކުރުމުން މައްސަލަ އިތުރަށް މިވަނީ ގޯސްވެފައެވެ. އެމެރިކާގެ މި ނިންމުމާއެކު މައްސަލައެއް ހައްލެއް ހޯދުމަށް އެމެރިކާ އިން އަދާކުރަމުން ދިޔަ މެދުވެރިއެއްގެ ދައުރުވެސް މިވަނީ ނިމުމަކަށް އައިސްފައެވެ. އެމެރިކާއިން ނުވަތަ އަދި އެހެން ގައުމަކުން ވިޔަސް ޖެރޫސަލަމް އަކީ އިޒްރޭލްގެ ވެރި ރަށް ކަމުގައި ކަނޑައެޅިޔަސް އެއީ ހަމަ ބުއްދި ހުރި އެކަކުވެސް ގަބޫލު ކުރާނެ ވާހަކައެއް ނޫނެވެ. ތާރީޚުންވެސް އަދި މާޒީގައި ކަން ހިނގާފައިވާ ގޮތައް ބެލިޔަސް ފެންނަ ހަގީގަތަކީ ޖެރޫސަލަމް އަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި ބެލޭނެ އެއްވެސް ހަމައެއް އުސޫލެއް ނެތް ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް