ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 22:27
އިސްރާއީލްގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުމަށް އެމެރިކާ އިން ނިންމީ ޑިސެމްބަރު 6 ވަނަ ދުވަހު
އިސްރާއީލްގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުމަށް އެމެރިކާ އިން ނިންމީ ޑިސެމްބަރު 6 ވަނަ ދުވަހު
އަލްޖަޒީރާ
ގުދުސްގެ މައްސަލަ
އިސްރާއީލްގެ ވެރިރަށަށް ގުދުސް ހެދުމާ ދެކޮޅަށް އދ. ގެ ގަރާރެއް ފާސްކުރުމަށް ތުރުކީ އިން އަމާޒު ހިފައިިފި
ތުރުކީ އިން ބުނީ ގަރާރު ފާސްކުރެވޭ މިންވަރަށް ވޯޓް ހަމަވެފައިވާ ކަމަށް
އާއްމު މަޖިލީހުގެ ވޯޓަކަށް ދާން ތުރުކީ ވިސްނީ ސަލާމަތީ މަޖިލީހުގެ ވޯޓް އެމެރިކާއިން ވީޓޯކުުރާނެތީ

އިސްރާއީލްގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާއިން ބަލައިގަތްގަތުމާ ދެކޮޅަށް އދ. ގެ އާއްމު މަޖިލީހުގައި ގަރާރެއް ފާސްކުރުމަށް ތުރުކީ އިން މަސައްކަތް ފަށައިފިއެވެ.

ތުރުކީގެ އޮފިޝަލަކު އަލްޖަޒީރާގައި ވިދާޅުވީ އެމެރިކާގެ ނިންމުމާ ދެކޮޅަށް އާއްމު މަޖިލީހުގައި ގަރާރެއް ފާސްކުރަން ނިންމީ ހޯމަ ދުވަހު ސަލާމަތީ މަޖިލީހުގައި ފާސްކުރަން މަސައްކަތްކުރާ ގަރާރު އެމެރިކާއިން ވީޓޯ ކޮށްފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އދ. ގެ އެންމެ އިސް ގުނަން ކަމަށްވާ ސަލާމަތީ މަޖިލީހުގައި ހިމެނޭ ވީޓޯކުރުމުގެ ބާރު އޮންނަ ދާއިމީ ފަސް ގައުމުގެ ތެރެއިން އެއް ގައުމަކީ އެމެރިކާއެވެ.

ހޯމަ ދުވަހު ސަލާމަތީ މަޖިލީހުގައި ނިންމާ ގޮތަކަށް ފަހު، ތުރުކީ އާއި ފަލަސްތީނާއި އަދި އިތުރު ގައުމުތަކުން، މެމްބަރު 193 ގައުމު ހިމެނޭ އދ. ގެ އާއްމު މަޖިލީހުގައި އެމެރިކާގެ ނިންމުމާ ދެކޮޅަށް ވޯޓް ނެގުމަށް ބާރު އަޅާނެ ކަމަށް ބެލެވެއެވެ.

އެމެރިކާގެ ޒަމާންވީ ސިޔާސަތު ދޫކޮށްލައްވައި އަދި ބައިނަލްއަޤްވާމީ މުޖުތަމައުން އަބަދުވެސް ގަބޫލުކުރަމުން އަންނަ ހަމަތަކާ ޚިލާފަށް ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައި ވަނީ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.

ގުދުސްގެ މައްސަލައިގައި މިހާރު ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ މިސްރުން ހުށަހަޅާފައިވާ ގަރާރެކެވެ.

 އެ ގަރާރަކީ "ހުރުމަތްތެރިވެގެންވާ ގުދުސްގައި އެއްވެސް ގައުމަކުން ޑިޕްލޮމެޓިކް މިޝަނެއް ގާއިމް ނުކުރުމަށް" ގޮވާލާފައިވާ ގަރާރެކެވެ.

ނަން ހާމަނުކުރުމަށް އެދި އަލްޖަޒީރާއަށް މައުލޫމާތު ދެއްވާފައިވާ ތުރުކީގެ ޑިޕްލޮމޭޓަކު ވިދާޅުވެފައި ވަނީ ތުރުކީގެ ފޯކަސް ބަދަލުކުރީ މިހާރު ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު އެމެރިކާ އިން ވީޓޯ ކުރާނެކަން ކަށަވަރުވުމުން ކަމަށެވެ.

ތުރުކީ އިން އާއްމު މަޖިލީހަށް މި މައްސަލަ ހުށަހަޅާނެ ކަމަށް ބެލެވެނީ އދ. އިން މީގެ ކުރިން ފާސްކޮށްފައިވާ ގަރާރެއް ކަމަށްވާ 377 އޭ ނުވަތަ އާއްމުކޮށް ކިޔާ ގޮތުން ނަމަ "ޔުނައިޓިންގް ފޯރ ޕީސް"ގެ ދަށުންނެވެ.

އދ. އިން 1950 ވަނަ އަހަރު ފާސްކުރި، "އޭ377" ގަރާރަކީ ސަލާމަތީ މަޖިލީހުގެ އެންމެ އަސާސީ ޒިންމާ ކަމަށްވާ ސުލްހަ އާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް އެ ކައުންސިލް ނުކުޅެދިއްޖެ ނަމަ އާއްމު މަޖިލީހުން އެ ކަމާ މެދު ގޮތެއް ނިންމުމާ ބެހޭ ގަރާރެވެ.

އާއްމު މަޖިލީހުގައި މި ގަރާރު ފާސް ވާނީ އެންމެ މަދުވެގެން ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓް ލިބިގެންނެވެ. ތުރުކީގެ ފޮރިން މިނިސްޓްރީ އިން ވާހަކަދެއްކެވި ފަރާތުން ވިދާޅުވީ އެ އަދަދަށް ވޯޓް ހަމަކުރެވިފައިވާ ކަމަށާއި ނަމަވެސް ތުރުކީ އާއީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނު މަސައްކަތްކުރަމުން ދަނީ އެ އަދަދު އިތުރުކުރުމަށް ކަމަށެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް