ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ 20 އަހަރާއި 26 އަހަރުގެ ދެ މީހުން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އޭގެ ތެރެއިން އެކެއްގެ ގެޔާއި އިތުރު ދެ ތަނެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން ވެސް އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތިޖޫރި ވަގަށް ނެގިއިރު 38،740ރ. ހުރިކަމަށް ރަށު ކައުންސިލުން މައުލޫމާތުދީފައިވެއެވެ. އާދިއްތަ ދުވަހު ހެނދުނު ފުލުހުން ތިޖޫރި ހޯދި ނަމަވެސް ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތެވެ.