ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހަތަރު ރަށެއްގެ ފެންބޮޑުވެއްޖެއެވެ.
ފުލުހުން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބ. މާޅޮސް ، ލ. އިސްދޫ އަދި ގއ. ވިލިނގިއްޔަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައިވާ ކަމަށެވެ. އެ ރަށްތަކުގައި ފެންބޮޑުވުމާ ގުޅިގެން ފުލުހުން ދަނީ ފެން ހިއްކުމަށް އެހީތެރިކަން ފޯރުކޮށްދެމުނެވެ. މީގެ އިތުރުން ގދ. ގައްދޫގައި ވެސް ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.
މާޅޮހާއި އިސްދޫ އަދި ވިލިނގިލީގައި ފެން ހިންދުމުގެ މަސައްކަތާއި ގޭގެއަށް ފެން ނުވަންނަ ގޮތަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި އެ ތިން ރަށުގެ ކައުންސިލާއި މުވައްސަސާތަކުގެ އެހީތެރިކަން ލިބޭ ކަމަށް ވެސް ފުލުހުން ބުންޏެއެވެ.
ގއ. ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވީ ހަތަރު ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި ގެއްލުން ލިބިފައި ވަނީ އެ ގެތަކުގައި ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރަށް ކަމަށެވެ. މީގެ އިތުރުން ޖަންކްޝަން ފުރި ބޭރުވި ނަޖިސް، ބައެއް ގެތަކަށް ވެސް ވަދެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފެންބޮޑުވުމާ އެކު ނަޖިސް ބޭރު ވަނީ ފެނަކައިން ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ މައްސަލައިގެ ސަބަބުން ކަމަށާއި ބައެއް ޕަމްޕް ސްޓޭޝަންތައް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، ދެކުނުގެ ބޮޑު ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.