އަރަބިއްޔާ ސުކޫލްގެ ޕްރިންސިޕަލްގެ މަގާމުން ޝެއިހް ނަސްރުﷲ މުސްތަފާ ވަކިވެއްޖެއެވެ.
މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް ތަފްސީލް މައުލޫމާތު ލިބިފައެއް ނުވެއެވެ. ނަސްރުﷲ އިސްތިއުފާ ދެއްވި އިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނު ކޮށްފައެވެ.
ނަސްރުﷲ ވަނީ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު އޮޅުވާލައިގެން ހަތަރު މީހަކު ހައްޖަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ވެސް ކޮށްފައެވެ. ހައްޔަރުކުރުމަށް ފަހު ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އޭނާ ވަނީ ޝަރުތުތަކާ އެކު ދޫކޮށްލާފައެވެ. ނަސްރުﷲ ދޫކޮށްލިރު، ކޮށްފައިވާ ޝަރުތުތަކެއް ސާފެއް ނުވެއެވެ.
އޮޅުވާލައިގެން މީހުން ހައްޖަށް ގެންދިޔުމުގެ ތުހުމަތާއި، ސިސިލްފަރު ގްރޫޕްގެ ތައްގަނޑު ފޯޖު ކުރި ކަމުގެ ތުހުމަތު ވެސް ނަސްރުﷲ މައްޗަށް ކުރާއިރު، މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހެކި ހޯދުމަށްޓަކައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓާއި އަރަބިއްޔާ ސްކޫލް ވެސް ބަލައި ފާސްކޮށްފައެވެ.