ވަކި ފަރުދެއްގެ ސަބަބުން އިއްތިހާދަށް ބުރޫ އަރައިގެން ނުވާނެ ކަމަށާއި، އަދި ޖުމްހޫރީ ޕާޓީން އެކަން ވުމަށް ފުރުސަތު ވެސް ނުދޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމާ އެކު އިއްތިހާދު ރޫޅިދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވަކި ފަރުދަކު ޖޭޕީއާ ގުޅުމަކުން އަދި މެންބަރަކު ވަކި ކަމެއްގައި ތަފާތު ވިސްނުމެއް ގެންގުޅޭ ގޮތަކުން، ރާއްޖެ އިސްލާހީ މަގަށް ގެނައުމަށް ޖޭޕީ ބައިވެރިވެފައިވާ އިއްތިހާދުގެ ގުޅުމަށް ބުރޫއަރައިގެން ނުވާނެ ކަމަށެވެ. އަދި ޖޭޕީ އިން އެކަހަލަ ކަމެއް ވުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
Vaki farudhaku JP ah gulhumakun, adhi membaraku vaki kamehgai thafaathu visnumeh gengulheygothakun raajje islaahee magah genaumah JP baiverivefaivaa iththihaadhuge gulhumah buroo araigen nuvaane. Adhi JP in ekan viyakaves nudheynan.
— Qasim Ibrahim (@qasimibrahim) December 18, 2017
ޖުމްހޫރީ ޕާޓީއާ އުމަރު ގުޅިވަޑައިގަތުމުން އަމާޒުވާ ފާޑުކިޔުންތަކަށް ޤާސިމް އިބްރާހިމް މީގެ ކުރިން ވެސް ވަނީ ރައްދުދެއްވާފައެވެ. އެގޮތުން ޤާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ ޖޭޕީއާ ގުޅެން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް އެޕާޓީން މަރުހަބާ ކިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުން އިދިކޮޅު އިއްތިހާދު ރޫޅިދާނެކަމުގެ ބިރު ހީވެފައިވަނިކޮށް އުމަރު ވަނީ އެމްޑީޕީއާ އެކު އެއްވެސް މަސައްކަތެއްގައި ބައިވެރިނުވާނެ ކަން ހާމަކުރައްވާފައެވެ. އަދި އޭގެ ރައްދެއްގެ ގޮތުގައި އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިން ވަނީ އުމަރު ނަސީރާ އެކު އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަން ހާމަކޮށްފައެވެ. އެގޮތުންއެ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެފައި ވަނީ އެޕާޓީ ހަލާކުކޮށްލަން އުމަރު ނަސީރު އެމްޑީޕީއާ ވައިވެސް އެޅުނަ ނުދޭނެ ކަމަށެވެ.