ކައުންސިލްތަކަށް ބޭރުގެ ފަރާތްތަކާ ބައްދަލުކުރެވޭނީ ހޯމް މިނިސްޓަރުގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ލޯކަލް ގަވަރމެންޓް އެތޯރިޓީ (އެލްޖީއޭ) އިން އަންގާފައިވަނިކޮށް މާލެ ސިޓީ ކައުންސިލުން ޔޫއެންޑީޕީގެ އޮފިޝަލުންތަކަކާ ބައްދަލުކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ އެ ބައްދަލުވުމަކީ ޔޫއެންޑީޕީ އިން އިސްވެ ކުރިއަށްގެންދާ "ސްމާޓް ސިޓީ" ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެއް ކަމަށެވެ. އަދި އެއީ މިހާރު ވެސް އެ ޖަމިއްޔާ އިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ އެ ބައްދަލުވުމުގައި ޔޫއެންޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ "ސްމާޓް ސިޓީ" ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ނިކޮލަސް ނީލާ އާއި ޔޫއެންޑީޕީގެ އޮފިޝަލުންތަކެއް ކަމަށެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މާލޭގެ ތަރައްގީއާ ގުޅޭ މި ޕްރޮޖެކްޓާ ބެހޭ ގޮތުން ޔޫއެންޑީޕީއާ އެކު މަޝްވަރާކޮށްފައި ވަނީ ހޯމް މިނިސްޓަރުގެ ހުއްދަ ހޯދުމެއް ނެތިއެވެ.
އެލްޖީއޭ އިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ހާއްސަ ހުއްދައަކާ އެކުގައި ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކޮށްގެ ނުވާނެ ކަމަށެވެ. އަދި އެ ފަދަ ފަރާތްތަކާ ކައުންސިލްތަކުން ބައްދަލުކޮށް، މުއާމަލާތް ކުރާ ނަމަ ރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވާ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތަށް ބުރޫއަރާނެ ކަމަށެވެ. އަދި ރާއްޖެއިން ތަސްދީގު ކޮށްފައިވާ ބައެއް މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށޫއެރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
ހުއްދަނެތި އިންޑިއާގެ ސަފީރާއި ބައްދަލުކުރި ކަމަށް ބުނެ އެލްޖީއޭއިން ވަނީ ގއ. އަތޮޅު ކައުންސިލް އެކުގައި ސަސްޕެންޑް ވެސް ކޮށްފަ އެވެ.