ބޮލީވޫޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރުމާ އާއި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ ކައިވެނި ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އިޓަލީގައެވެ.
ކައިވެންޏަށް ފަހު ހަނީމޫންގެ ދުވަސްތައް މިހާރު ހޭދަކުރަމުން ދަނީ ފިންލޭންޑްގައެވެ.
ޚަބަރުތައް ބުނާ ގޮތުގައި އަނުޝްކާއަށް ވިރާތު ދިން އަނގޮޓީގެ އަގު އެ ދެ މީހުންގެ ކައިވެނީގެ މުނާސަބަތުގައި ބޭއްވި ޕާޓީއަށް ވުރެ ވެސް ބޮޑެވެ. އަނގޮޓީގެ އަގު 10 މިލިއަން އިންޑިއަން ރުޕީސްއަށް އަރާ ކަމަށް ޚަބަރުތައް ވަނީ ބުނެފައެވެ.
އޮސްޓްރޭލިއާ މީހަކު ފަރުމާކޮށްފައިވާ މި އަނގޮޓި ފައިނަލް ކުރުމަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވި ކަމަށް ވިރާތު ވަނީ ބުނެފައެވެ.
އިޓަލީގައި އެ ދެ މީހުން ކައިވެނި ކޮށްފައިވާއިރު ކައިވެނި ހަފްލާއަށް ދައުވަތު އަރުވާފައި ވަނީ އަނުޝްކާ އާއި ވިރާތުގެ އާއިލާގެ މީހުންނާއި އެންމެ ގާތް މީހުންނަށެވެ.
ޚަބަރުތައް ބުނާ ގޮތުގައި ހަނީމޫން ނިންމާލުމަށް ފަހު އެ ދެ މީހުން އިންޑިއާއަށް އެނބުރިގޮސް ވަރަށް އަވަހަށް ޕާޓީއެއް ބާއްވާނެއެވެ. އެޕާޓީގައި ކްރިކެޓް ކުޅުންތެރިންނާއި ބޮލީވުޑްގެ ތަރިންގެ އިތުރުން އާއިލާގެ މީހުން ބައިވެރިވާނެއެވެ.
ވިރާތާއި އަނުޝްކާ ކައިވެނިކޮށްފައި މިވަނީ ލޯބީގެ ގޮތުން ހަތަރު އަހަރު އެކުގައި އުޅުމަށް ފަހުގައެވެ. އެދެމީހުން އެންމެ ފުރަތަމަ ދިމާވެފައި ވަނީ އެއްކޮށް ކުޅުނު އިޝްތިހާރަކުންނެވެ.
ވިރާތާއި އަނުޝްކާގެ އިންސްޓަގްރާމުގައި އެ ދެ މީހުންގެ ކައިވެނީގެ ފޮޓޯ ހަމަ އެދުވަހު ލާފައިވާއިރު ދެ މީހުން ވެސް ކެޕްޝަންގައި ޖަހާފައި ވަނީ އެކައްޗެކެވެ. އެ ޕޯސްޓްގައި ބުނެފައި ވަނީ އެ ދެ މީހުން މުޅި އުމުރުގައި އުޅުމަށް ވައުދު ވެއްޖެ ކަމަށާއި އެންމެންނަށް އެ ޚަބަރު ދޭ ކަމަށެވެ. އެ އުފާވެރި ދުވަހުގައި އާއިލާ އާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބަކީ އެ ދެމީހުންގެ ކައިވެނި ހާއްސަވި ކަމެއް ކަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށް ވަނީ ބުނެފައެވެ.