ފ. ބިލެއްދޫން އިން ފަތާފައި އެ އަތޮޅު މަގޫދޫ އަށް ދަނިކޮށް މަރުވި އިބްރާހިމް ނާހިދުގެ އާއިލާ އަށް އެމްޑީޕީ އިން އެހީތެރިވާން ނިންމައިފިއެވެ.
އެމްޑީޕީ އިން ބުނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަގޫދޫގައި ބޭއްވި ޖަލްސާއަށް، އެ އަތޮޅު ބިލެއްދޫން އެޕާޓީގެ އެކްޓިވިސްޓުންނާއި އެކު ފަތާފަ ދަނިކޮށް މަރުވި، ނާހިދަކީ އެޕާޓީއަށް އިޙްލާސްތެރި މެމްބަރެއް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ފަރާތުން ނާހިދުގެ އާއިލާއަށް އެހީތެރިވާން ނިންމާފައިވާ ކަމަށް އެޕާޓީން ބުންޏެއެވެ.
އެމްޑީޕީން ބުނީ ނާހިދުގެ އާއިލާއަށް އެހީތެރިވުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެހީތެރިވުމަށް ގޮތެއް ނިންމާނީ އާއިލާއާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށް އެމްޑީޕީން ބުންޏެއެވެ. އަދި އާއިލާއާ ވާހަކަ ދެއްކެމަށް ފަހު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް އެޕާޓީން ބުންޏެވެ.
"އާއިލާއާއި ވާހަކަ ދެއްކުމަށް ފަހު ވަރަށް އަވަހަށް ގޮތެއް ނިންމާނަން، އެހީތެރިކަން ފޯރުކޮށްދޭނީ ފައިސާއިން ތޯ، ނުވަތަ އެނޫން ގޮތްގޮތަށް ހަމަޖައްސާނީތޯ ނިންމާނީ އާއިލާއި ވާހަކަ ދެއްކުމަށް ފަހު، ޕާޓީގެ ތެރޭގައި މިކަމާއި މަޝްވަރާކޮށްފިން" އެމްޑީޕީން ވާހަކަ ދެއްކި އޮފިޝަލް ބުންޏެއެވެ.
ނާހިދު އަކީ ފާނައިގެ މަސްވެރިކަން ކުރަމުންދިޔަ އެތައް ދުވަހެއް ވަންދެން މޫދުގައި އުޅުނު މީހެކެވެ. ގިނަ އިރުތަކެއް ވަންދެން މޫދުގައި އުޅުމުގެ ބުންވަރު އޭނާގެ ގައިގަ ހުރިކަން އޭނާއާއެކެ މަސައްކަތްކުރި މީހުން ހެކިދެ އެވެ. ނާހިދު އަކީ ދެ ކުދިންގެ ބައްޕަ އެކެވެ. އޭނާ ދުނިޔެ ދޫކުރިއިރު އޭނާ އަންބަކު އިނެވެ. 12 އަހަރުގެ އަނޫފު އިބްރާހިމާއި 8 އަހަރުގެ ސައުފު އިބްރާހިމަކީ، އިބްރާހިމް ނާހިދުގެ ދެ ދަރިންނެވެ.
ނާހިދުގެ މަންމަ ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ދަރިފުޅުގެ މަރާ ގުޅޭ ގޮތުން ސިޔާސީ ކޮށްގެން ދައްކާ ވާހަކަ ހުއްޓާލަން އެދޭ ކަމަށެވެ. ދެން އެދެނީ ނާހިދުގެ ކުޑަ ދެ ކުދިންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ.