ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރުމުން، ސަސްޕެންޑްކޮށްފައިވާ ގއ. އަތޮޅު ކައުންސިލް އިދާރާގެ ތިން ކައުންސިލަރުންގެ ސަސްޕެންޝަން އުވާލުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ގއ. އަތޮޅު ކައުންސިލް މެމްބަރު ހުސެއިން އާދަމް ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ ސަސްޕެންޑް ކުރި ތިން ކައުންސިލަރުންގެ ނަމުގައި އެ ކައުންސިލަރުން ނިސްބަތްވާ ޕާޓީ އެމްޑީޕީ އިން ކަމަށެވެ.
ހުސެއިން ވިދާޅުވި ގޮތުގައި އެ ބޭފުޅުން ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ އެ ބޭފުޅުންގެ ސަސްޕެންޝަން އުވާލުމަށާއި އަދި ސިވިލް ކޯޓިގައި މައްސަލަ ހިގަމުންދާއިރު އެ ބޭފުޅުންގެ ސަސްޕެންޝަން އުވާލުމުގެ ވަގުތީ އަމުރަކަށާއި އަދި ކޯޓުގައި މައްސަލަ ހިގަމުންދާއިރު އެ ބޭފުޅުންނަށް އޮފީހަށް ނިކުމެ މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށެވެ.
ހުސެއިން ވިދާޅުވީ އެ ބޭފުޅުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެލްޖީއޭއާ ދެކޮޅަށް ކަމަށާއި އަދި އެ މައްސަލަ މިހާރު ސިވިލް ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.
އެލްޖީއޭ އިން ތިން ކައުންސިލަރުން ސަސްޕެންޑް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެކައުންސިލުން، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލު ކުރައްވާފައި ވަނިކޮށެވެ.
ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަސީރަށް އެލްޖީއޭ އިން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ "އެލްޖީއޭއިން މިމަހުގެ 11 ވަނަ ދުވަހު ނެރެފައިވާ ސަރކިއުލަރ އިން، ބޭރުގެ ދައުލަތްތަކާއި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި އެފަރާތްތައް ތަމްސީލް ކުރާ ފަރާތްތަކާ ލޯކަލް ކައުންސިލް ތަކުން ބައްދަލުކޮށް މުއާމަލާތް ކުރުމުގެ އިޖުރާޢަތު ބަޔާންކޮށްފައިވަނިކޮށް، އެއިޖުރާއަތްތަކާ ޚިލާފަށް ގއ. އަތޮޅު ކައުންސިލުން ހުއްދަ ހޯދުމަކާ ނުލައި ބޭރުގެ ސަފީރަކާ ބައްދަލުކޮށްފައިވާކަން، މައްސަލައާ ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުންނާއި އެލްޖީއޭއިން ސާފުކުރި މައުލޫމާތުތަކުން ކަށަވަރުވާ،" ކަމަށެވެ.
އެހެންކަމުން ކައުންސިލްގެ އެއަމަލަކީ ކައުންސިލުން ކުރާ ޤާނޫނާ ޚިލާފު ޢަމަލްތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ (ކ) އާއި 6 ވަނަ މާއްދާގެ (ށ) އާ ޚިލާފު ޢަމަލެއް ކަމަށް ވާތީ އެކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމަށް އެލްޖީއޭގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެލްޖީއޭ ބޯޑުން ނިނމާފައިވާ ކަމަށް އެސިޓީގައި ބުނެފައި ވަނީ 13 ޑިސެމްބަރ 2017 އިން ފެށިގެން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ގއ، އަތޮޅު ކައުންސިލްގެ ތިން މެންބަރުން ސަސްޕެންޑް ކުރުމަށާއި އެމުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލް ކުރުން މަނާ ކުރުމަށެވެ. އަދި ކައުންސިލަރުންގެ ސަސްޕެންޝަންގެ މުއްދަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާ ހަވާލުވެ ހުންނާނީ ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާ އެވަގުތަކު ހަވާލުވެ ހުރި ފަރާތް ކަމަށް އެސިޓީގައި ބުނެފައިވެއެވެ.
ވީމާ ތިން މަސް ދުވަހަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތައް ގއ. އަތޮޅު ކައުންސިލްގެ މެންބަރުން ސަސްޕެންޑް ކުރެވިފައިވާކަން އެމެންބަރުންނަށް އަންގަވައިދެއްވައި، އެފަރާތްތަކުގެ މުސާރަ އާއި އިނާޔަތްތައް ތިން މަސް ދުވަހަށް ހިފެހެއްޓުމަށް ދަންނަވާ ކަމަށް އެސިޓީގައި ވަނީ ބުނެފައެވެ.
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުވާދު ރާއްޖެ އެމްވީއަށް ވިދާޅުވީ އެކައުންސިލުން އިންޑިޔާ ސަފީރާ އެކު ބައްދަލުވުން ބޭއްވީ އެލްޖީއޭގެ ސަރކިއުލާ އެކައުންސިލަށް ލިބުމުގެ ކުރިން މިމަހުގެ 11 ވަނަ ދުވަހުގެ 2:30 ގައި ކަމަށެވެ.