މޮޅަދޫ އިންޖީނުގެއިން ވަގަށް ނެގި ތިޖޫރި ފެނިއްޖެ އެވެ.
މޮޅަދޫ ކައުންސިލްގެ މެންބަރު އަހުމަދު ރިފާއު ވިދާޅުވީ ތިޖޫރީ ވަގަށް ނެގި މައްސަލަ ފުލުހުން ބަދަލުމުންދާ އިރު އެ ތިޖޫރި ފެނިފައިވަނީ މެންދުރު 12:00 ހާއިރު ވަލުތެރެއިން ކަމަށެވެ. ތިޖޫރި ފެނުނު އިރު އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށް ރިފާއު ވިދާޅުވި އެވެ. ތިޖޫރި ވަގަށް ނެގި އިރު އޭގައި ގާތްގަނޑަކަށް 38000ރ. ހުރި ކަމަށް އިންޖީނުގެއިން ހާމަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިފާއު ވިދާޅުވީ އެ ތިޖޫރިއަކީ އެންމެ މީހަކަށް އުފުއްލޭނެ ތިޖޫރިއެއް ނޫން ކަމަށައި އިންޖީނުގޭގައި ތިޖޫރި ހުރި ބަޔަކީ ފިންގާޕްރިންޓް ޖަހައިގެން ވަދެވޭ ތަނެއް ކަމަށެވެ.
ތިޖޫރި ވަގަށް ނަގާފައިވާއިރު ޑިއުޓީގައި މީހަކު ހުރި ކަމަށްވެސް މައުލުމާތު ލިބިފައިވެ އެވެ.
މިކަމާ ގުޅިގެން މޮޅޮދޫން މައުލޫމާތު ދިން މީހެއް ބުނީ ތިޖޫރި ނަގައިގެން ގެންގޮސްފައި ޕިކަޕެއްގައި ކަމަށް ބެލެވޭ ކަމަށާއި ވަލު ތެރެއަށް ވެހިކަލެއް ވައްދާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ.
މިހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެކަން ފުލުހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.