ގއ. ވިލިނގިއްޔަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ގެއްލުން ލިބިއްޖެ އެވެ.
ގއ. ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވީ ހަތަރު ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި ގެއްލުން ލިބިފައިވަނީ އެ ގެތަކުގައި ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރަށް ކަމަށެވެ. މީގެ އިތުރުން ޖަންކްޝަން ފުރި ބޭރުވި ނަޖިސް، ބައެއް ގެތަކަށް ވެސް ވަދެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން އެ ގެތައް ސާފުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފެންބޮޑުވުމާއެކު ނަޖިސް ބޭރުވަނީ ފެނަކައިން ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ މައްސަލައިގެ ސަބަބުން ކަމަށާއި ބައެއް ޕަމްޕް ސްޓޭޝަންތައް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ދެކުނުގެ ބޮޑު ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.