ދިވެހިރާއްޖެ ހިމެނޭ ސަރަޙައްދަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ހޯމަ ދުވަހު ހެނދުނު ނެރުނު ޔެލޯ އެލަރޓްގެ ވަގުތު ހަމަވިއިރުވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކަމަށާއި، ނަމަވެސް މިވަގުތު އަދި އިތުރު އެލަރޓެއް ނެރެފައި ނުވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހޯމަ ދުވަހުގެ ހެނދުނު 09:00 އިން 13:00 އަށް، ތ އަތޮޅާއި ގދ އަތޮޅާ ދެމެދުގެ ހިސާބުތަކަށް ނެރުނު ޔެލޯ އެލަރޓްގެ ވަގުތު ހަމަވިއިރުވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރަމުންދާ ކަމަށެވެ. އެގޮތުން ލ އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގައިވާ އަތޮޅުތަކުގެ ރަށްތަކަށް އަދިވެސް ވިއްސާރަ ކުރަމުންދާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ހޯމަ ދުވަހު ހެނދުނު މެޓް އޮފީހުން ނެރުނު އެލަރޓްގައި ވާގޮތުން ދެކުނުގެ އަތޮޅުތަކަށް ބޯ ވިއްސާރަ އާއި އެކު ބާރަށް ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ކޮޅިގަނޑުގައި ދެކުނުގެ އަތޮޅުތަކަށް ގާތްގަނޑަކަށް 40 މޭލަށް ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ކަނޑުތައް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާއިރު މި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދުނު ތޫފާން އޮކީގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ގަދަވަޔާއިއެކު ވިއްސާރަވެ ގެއްލުންތަކެއްވެސް ލިބުނެވެ.