މިފާއިތުވެދިޔަ ހަތަރު އަހަރުގައި ބޭރުގެ ފަރާތްތަކުން ހުށަހެޅި 14 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަށް ހުއްދަ ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ދުބާއީގައި ހޯމަ ދުވަހު ފެށި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ ރައީސް ޔާމީންގެ އިގްތިސާދީ ތަސައްވަރަކީ، އިގްތިސާދީ ގޮތުން ގިނަ ދާއިރާތަކެއް އެކުލެވޭ، ޑައިވާސިފައި ކުރެވިފައިވާ އިގްތިސާދަކަށް ހެދުން ކަމަށެވެ. އެގޮތުން ގައުމުގެ އިގްތިސާދީ ތަރައްގީއަށްޓަކައި ކޯޕަރޭޓް ސެކްޓަރ ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖިހާދު ވިދާޅުވި އެވެ.
މިފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) އިތުރުވަމުންދާ އިރު ގާތްގަނޑަކަށް 14 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ސަރުކާރުން ހުއްދަ ދީފައިވާ ކަމަށް ޖިހާދު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ކުރިއެރުން ފާހަގަކުރައްވާ ޖިހާދު ވިދާޅުވީ، 2016 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ މީހެއްގެ ބޮލަކަށް ޖެހޭ މިންވަރު 8،933 ޑޮލަރަށް އަރާފައިވާ ކަމަށެވެ.
ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ މިނިވަން ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން ރާއްޖޭގެ އިގްތިސާދަށް ރަގަޅު ހެޔޮ ބަދަލުތަކެއް، އައިސްފައިވާކަން ފާހަގަކޮށްފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. ނައިބު ރައީސް މިހެން ވިދާޅުވެފައިވާ އިރު ދުނިޔޭގެ ކްރެޑިޓް ރޭޓިންގ އޭޖެންސީއެއް ކަމުގައިވާ މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ ގޮތުގައި ދީފައިވަނީ ބީ2 ދަރަޖަ އެވެ.
އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާކަން ހާމަކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ޖިހާދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ވެރިކަމަށް އައި ފަހުން އިގްތިސާދީ ގޮތުން މާބޮޑު ކުރިއެރުންތަކެއް މީގެ ކުރިން ހޯދާފައި ނުވާ ދާއިރާތައް ކަމުގައިވާ ކޮންސްޓްރަކްޝަން ދާއިރާ އާއި ރިއަލް އެސްޓޭޓްގެ އިތުރުން ޓްރާންސްޕޯޓް އަދި މާލީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ޖިހާދު ވިދާޅުވީ، މިފަދަ ފޯރަމެއްގެ ތެރެއިން ރާއްޖޭގެ އިގްތިސާދުގެ ތެރެއިން އިންވެސްޓް ކުރުމަށް ހުރި ދާއިރާތައް ވަރަށް ބޮޑަށް ސާފުވެގެންދާނެ ކަމަށެވެ. ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، އިންވެސްޓް ކުރުމަށް ފުރުސަތުތައް ވަރަށް ގިނަ ގައުމެއް ކަމަށާއި މިއީ ރާއްޖޭގައި އިންވެސްޓްކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ދުބާއީގައި ބާއްވާ އިންވެސްޓްމެންޓް ފޯރަމްގައި 350 މީހުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. މި މީހުންގެ ތެރޭގައި 80 ދިވެހިން ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
އިންވެސްޓްމެންޓް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސައީދު ވެސް ބައިވެރިވެ ވަޑައިގަންނަވާފައިވެ އެވެ.
ހަތަރު ވަނަ އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ބާއްވާއިރު މި ފޯރަމް ކުރިން ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ ޤަތަރުގަ އެވެ. އެހެން ނަމަވެސް ރާއްޖެއިން އެގައުމާ އެކު ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ދުބާއީ ފަހުން ހަމަޖެއްސި އެވެ.
މިފާއިތުވެދިޔަ ތިން އަހަރު، އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވެ އެވެ. އެގޮތުން 2016 ވަނަ އަހަރު އިންޑިއާގެ ދިއްލީގައީ އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވާ އިރު 2015 ވަނަ އެ ފޯރަމް ބާއްވާފައިވަނީ ޗާއިނާގެ ވެރިރަށް ބެއިޖިންގ އެވެ. އަދި 2014 ވަނަ އަހަރު ސިންގަޕޫރުގައި ވެސް ވަނީ އިންވެސްޓްމެންޓް ފޯރަމް ބާއްވާފަ އެވެ.