ނިމިގެންދިޔަ 2016 ވަނަ އަހަރު ހަދާފައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދުގެ ދަށުން، "މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ހޯދުމުގައި އަމަލުކުރާނޭ އުސޫލު" އެކުލަވާލައި އެ އުސޫލު އާންމުކޮށް އަމަލުކުރަން ފަށައިފިއެވެ.
މި އުސޫލަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދުގެ 65 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން، މަޢުލޫމާތު ހޯދާން ހުށަހަޅާ ފަރާތްތަކުންނާއި، މަޢުލޫމާތު ދޫކުރާ އިދާރާތަކުން ޢަމަލުކުރާނެ ގޮތް ފަސޭހައިން ސާފުކޮށްދިނުމަށްޓަކައި އެކުލަވައިލާފައިވާ އުސޫލެކެވެ.
މި އުސޫލުގައި ބުނެފައިވާ ގޮތުން މި އުސޫލު ތަޢާރުފުކުރުމުގެ މަޤުޞަދަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ގަވާއިދުގެ ދަށުން މަޢުލޫމާތު ހޯދަން އެދުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ އިޖުރާއާތު ބަޔާންކޮށް، މަޢުލޫމާތު ހޯދާން އެދޭ ފަރާތްތަކަށާއި ދައުލަތުގެ އިދާރާތަކަށް މައިގަނޑު ނުވަ ކަމެއް ސާފުކޮށް އޮޅުންފިލުވައިދިނުމެވެ.
އެ ކަންކަމަކީ،
- ދައުލަތުގެ އިދާރާއަކުން މީހަކު ކަމަކަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމަކީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު" ގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއް ނޫންކަން.
- ކޮންމެ ރައްޔިތަކަށްވެސް ހަމަ ކޮންމެ މަޢުލޫމާތެއް ހޯދާންއެދިވެސް ހުށަހެޅިދާނެކަން.
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤަނޫނާއި ގަވާއިދުގެ ދަށުން މަޢުލޫމާތު ހޯދާން އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅާންޖެހޭނީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު" ގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުންކަން
- މަޢުލޫމާތު ހޯދާން އެދި ހުށަހެޅޭނެ މުއްދަތުތަކާއި، އެކި މަރުޙަލާތަކަށް ދީފައިވާ މުއްދަތު ޞަރީޙަކޮށް އޮޅުން ފިލުވައިދިނުން
- ކޮންމެ އިދާރާއަކަށް ހުށަހެޅޭ ކޮންމެ ހުށަހެޅުމަކަށްވެސް އިޖާބަދިނުމަކީ ލާޒިމުކަމެއްކަން.
- މަޢުލޫމާތެއް ދޫކުރެވެން ނެތް ނަމަ، އެކަން ވެސް، އެދުނު ފަރާތަށް އަންގަންޖެހޭކަން.
- މަޢުލޫމާތު ހޯދައި ލިބިގަތުމަށްޓަކައި ހުށަހެޅޭ ހުށަހެޅުންތަކުގެ މުޢާމަލާތު ދެފަރާތުންވެސް ހިންގަންޖެހޭނީ ލިޔެކިޔުމުންކަން.
- މަޝްވަރާ ހޯދުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރ ނުވަތަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ކަމާބެހޭ މުވައްޒަފުންނާ މުޢާމަލާތުކުރުމަކީ އިންފޮމޭޝަން އޮފިސަރުންނަށް ވަރަށް ފަސޭހަކަމާއެކު ހުޅުވިފައިވާ ފުރުޞަތެއްކަން.
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެގޮތުން ފުރިހަމަކުރާންޖެހޭ ޤާނޫނީ އިޖުރާއާތު ސާފުކޮށްދިނުން.
މި އުސޫލުގައި ބުނެފައިވާ ގޮތުން މަޢުލޫމާތަށް އެދޭ ފަރާތުން މަޢުލޫމާތެއް ހޯދާން އެދި ދައުލަތުގެ އެއްވެސް އިދާރާއަކަށް ހުށަހަޅައިފި ނަމަ، އެ މަޢުލޫމާތެއް ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުގެ ކުރިން ދެ މަރުހަލާއެއް ކަޑައްތު ކުރާން ޖެހޭނެއެވެ. އެއީ، މަޢުލޫމާތު ހޯދާން ހުށަހެޅިފައިވާ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަރުޙަލާ އާއި މަޢުލޫމާތު ހޯދާން ހުށަހެޅިފައިވާ އިދާރާގެ މުރާޖަޢާ ކޮމިޓީގެ މަރުޙަލާއެވެ.
މީގެ ތެރެއިން، މަޢުލޫމާތު ހޯދާން ހުށަހެޅިފައިވާ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަރުޙަލާގައި މައްސަލައެއް ބޭއްވޭނީ ގިނަވެގެން 21 ދުވަހު ކަމަށާއި، އެކާވީސް ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭހައި ގިނަ މަޢުލޫމާތު ނަމަ، ނުވަތަ ހޯދަން އުނދަގޫ މަޢުލޫމާތެއް ނަމަ، މަޢުލުމާތު ހޯދަން އެދުނު ފަރާތަށް، މުއްދަތު ހަމަވުމުގެ ކުރީން، ސަބަބު ބަޔާންކޮށް، ލިޔުމުން އެންގުމަށްފަހު، ސާދަ ދުވަހުގެ މުއްދަތެއް އިތުރުކުރެވިދާނެކަމަށް މި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.
މި މުއްދަތުގައި ޖަވާބެއް ނުލިބިއްޖެ ނަމަ، ނުވަތަ ލިބޭ ޖަވާބާމެދު ހިތްހަމަ ނުޖެހިއްޖެ ނަމަ، އެ މައްސަލަ، މަޢުލޫމާތު ހޯދާން ހުށަހެޅިފައިވާ އިދާރާގެ މުރާޖަޢާ ކޮމިޓީއަށް ހުށަހެޅުމަށް މި އުސޫލުގައި ބަޔާންކޮށްފައިވާއިރު، މި މަރުޙަލާގައި މައްސަލައެއް ބޭއްވޭނީ އެންމެ ގިނަވެގެން 30 ދުވަހު ކަމަށްވެސް މި އުސޫލުގައި ވެއެވެ. އަދި ތިރީސް ދުވަހުގެ ތެރޭގައި އެ މައްސަލައަކަށް ޖަވާބުދެވޭ ވަރު ނުވާނަމަ، އެ މުއްދަތު ހަމަވުމުގެ ކުރީން، މަޢުލޫމާތަށް އެދިފައިވާ ފަރާތަށް ލިޔުމުން އަންގައި، ފަނަރަ ދުވަހުގެ މުއްދަތެއް އިތުރުކުރެވިދާނެ ކަމަށްވެސް އުސޫލުގައި ވެއެވެ.
މި މުއްދަތުގައި މުރާޖަޢާ ކޮމިޓީގެ ފަރާތުން ޖަވާބެއް ނުލިބިއްޖެ ނަމަ، ނުވަތަ ލިބޭ ޖަވާބާއި މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ، އެ މައްސަލަ، ޝަކުވާއެއް ނުވަތަ އިލްތިމާސްއެއްގެ ގޮތުގައި އިންފޯމޭޝަން ކޮމިޝަނަރަށް ހުށަހެޅޭނެ ކަމަށާއި، ތިރީސް ދުވަހުގެ ތެރޭގައި އިންފޯމޭޝަން ކޮމިޝަނަރު އެ މައްސަލަ ނިންމަވަން ޖެހޭނެ ކަމަށް މި އުސޫލުގައި ބުނެއެވެ.
މި މަރުހަލާގައި ނިންމާ ނިންމުމާއި މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ، އެ މައްސަލަ ހައިކޯޓުގައި އިސްތިޢުނާފު ކުރުމުގެ ޙައްޤުވެސް މި އުސޫލުން ލިއްބައިދެއެވެ.
މި އުސޫލުގައި ބަޔާންކޮށް، ކަނޑައަޅާފައިވާ ގޮތުން، މަޢުލޫމާތު ހޯދާން އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ޤާނޫނާއި ގަވާއިދުގައިވާ މުއްދަތު ފަހަނަޅައި ދިޔުމުގެ ކުރީން ޖަވާބުދާރީވުމަކީ އިންފޮމޭޝަން އޮފިސަރުންނާއި، މުރާޖަޢާ ކޮމިޓީއާއި، އިންފޮމޭޝަން ކޮމިޝަނަރުގެ ޒިންމާއެކެވެ.
މި އުސޫލު ގެޒެޓްކޮށް، އުސޫލަށް އަމަލުކުރަން ފަށާފައިވަނީ 17 ޑިސެމްބަރު 2017 ވީ އާދީއްތަ ދުވަހުއެވެ.