ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 12:06
ޕެޕް ގާޑިއޯލާ ސިޓީގެ ކޯޗެއްގެ ގޮތުގައި - އޭނާ ސިޓީއާ ހަވާލުވީ 2016 ވަނަ އަހަރުގެ ހޫނު މޫސުމުގައި
ޕެޕް ގާޑިއޯލާ ސިޓީގެ ކޯޗެއްގެ ގޮތުގައި - އޭނާ ސިޓީއާ ހަވާލުވީ 2016 ވަނަ އަހަރުގެ ހޫނު މޫސުމުގައި
ގޫގުލް
ޕެޕް ގާޑިއޯލާ
ގާޑިއޯލާގެ ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތައް ފަށަނީ
އޭނާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2018 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ނިޔަލަށް
ގާޑިއޯލާގެ ކާމިޔާބުގެ ސިއްރަކީ އޭނާ ޓީމަށް ގެނައި އައު ކުޅުންތެރިން ކަމަށް ގިނަ ބަޔަކު ދެކޭ
އޭނާގެ އިރުޝާދުގެ ދަށުން ސިޓީއިން އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފެށުމަށް އެ ކްލަބުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކްގައި ކާމިޔާބު ގިނަ ސީޒަންތަކެއް ހޭދަކުރުމަށްފަހު ގާޑިއޯލާ ސިޓީއާ ހަވާލުވެފައިވަނީ 2016 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އޭރު އޭނާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2018 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ނިޔަލަށެވެ.

ސިޓީގެ އެގްޒެކްޓިވް ބޯޑުން ބީބީސީ ސްޕޯޓްސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިދިޔަ ސީޒަނުގައި އޭނާގެ ކިބައިން އުއްމީދުކުރި ނަތީޖާ ފެނިފައިވާ ނުވާ ކަމަށާއި އެހެން ނަމަވެސް މި ސީޒަން ފެށިގެން ސިޓީގެ ފަރާތުން ފެންނަމުންދަނީ އެ ކްލަބުގެ ރައީސް ޝެއިހް މަންސޫރު އެދިވަޑައިގަންނަވާ ފެންވަރުގެ ކުޅުމެއް ކަމަށެވެ. މިކަމުގެ ސަބަބުން އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށް އެ ކްލަބުން ނިންމާފައިވާ ކަމަށް ބީބީސީ ސްޕޯޓްސްއިން ބުނެއެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ކުޅުނު ފުރަތަމަ ސީޒަނުގައި އެ ޓީމަށް ލިބިފައިވަނީ ޕްރިމިއާ ލީގުގެ ތިންވަނައެވެ. ހަމައެހެންމެ އިނިގރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުން އެ މުބާރާތާ ވަކިވިއިރު ޔުއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ލީގު ކަޕްގައި އެ ޓީމަށް ދަތުރުކުރެވިފައިވަނީ ގަދަ 16އާ ހަމައަށެވެ.

ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކް ވިދާޅުވީ މިދިޔަ ސީޒަނުގައި ޓީމުން ފެނުނު ގޯސްތައް މި ސީޒަނުގައި ރަނގަޅުވެފައިވާ ކަމަށާއި އެ ޓީމާއި އަލަށް ގުޅުނު ކުޅުންތެރިންވެސް ޓީމަށް ހޭނިފައިވާ ކަމަށެވެ. ހަމަ އެހެންމެ ޗެމްޕިއަންސް ލީގު ހޯދުމަކީ އަމާޒެއް ކަމަށާއި ކުރިޔަށް ހުރި ސީޒަންތަކުގެ ތެރެއިން ކޮންމެ ވެސް އެއް ސީޒަނެއްގައި ސިޓީން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާ ތަން ދެކެން ބޭނުންވާ ކަމަށްވެސް މުބާރަކް ވިދާޅުވިއެވެ. އޭނާ މިހެން ބުނެފައިވާއިރު ސިޓީއަށް ޗެމްޕިއަންސް ލީގުގައި ލިބިފައިވާ އެންމެ ރަނގަޅު ނަތީޖާއަކީ ސެމީ ފައިނަލްއަށް ދަތުރުކުރުމެވެ.

ގާޑިއޯލާގެ ކާމިޔާބުގެ ސިއްރަކީ އޭނާ ޓީމަށް ގެނައި އައު ކުޅުންތެރިން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެގޮތުން އިންގްލޭންޑުގެ އެއް ނަމްބަރު ކީޕަރު ޖޯ ހާޓް ޓީމުން ބޭރުކުރުމަށް ފަހު އޭނާ ވަނީ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ އަދި ބްރެޒިލްގެ އެޑާސަން މޮއާރޭސް އެ މަގާމު އަދާކުރުމަށް ގެނެސްފައެވެ. މި ސީޒަނުގައި ސިޓީ 18 މެޗެއް ކުޅެފައިވާއިރު އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ 12 ލަނޑެވެ.

ހަމައެހެންމެ އެ ޓީމުގެ ޑިފެންސް ވަރުގަދަ ކުރުމަށް އެވަޓަންއަށް ކުޅެމުންދިޔަ ޒުވާން ޑިފެންޑަރު ޖޯން ސްޓޯންސް ވަނީ 48 މިލިއަން ޕައުންޑަށް އެ ޓީމަށް ގެނެސްފައެވެ. ސްޓޯންސްއަކީ ގާޑިއޯލާގެ ޓީމުތަކުގައި ބޭނުންކުރާ 'ޕޮޒިޝަނަލް ޑިފެންޑަރ' އެއްގެ ރޯލު އަދާކުރުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިވާ ކުޅުންތެރިޔެއްކަން މި ސީޒަނުގައި އޭނާ ދައްކަމުން އަންނަ ކުޅުމުން ފެނިގެންދެއެވެ. ގާޑިއޯލާގެ ޓްރާންސްފާތައް ކާމިޔާބުވުމަކީ އޭނާ ސިޓީގައި މަޑުކުރުވުމަށް އެ ޓީމުގެ މެނޭޖްމަންޓުން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބުކަމަށް ބީބީސީ ސްޕޯޓްސްއިން ބުނެއެވެ.

ގާޑިއޯލާއަށް އައު ކޮންޓްރެކްޓެއް ހުށަހަޅަން އުޅޭއިރު އޭނާގެ އިރުޝާދުގެ ދަށުން ސިޓީން އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ ކުރީގައި އެ ޓީމަށް 11 ޕޮއިންޓްގެ ލީޑެއް ލިބިފައިވާއިރު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ވެސް އެ ޓީމު ވަނީ ޖާގާ ހޯދާފައެވެ.

- ކޮމެންޓް