ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 11:08
ޖަކާޓާގައި ބޭއްވި އެއްވުމުގައި 80،000 މީހުން ބައިވެރިވި ކަމަށް ބުނޭ
ޖަކާޓާގައި ބޭއްވި އެއްވުމުގައި 80،000 މީހުން ބައިވެރިވި ކަމަށް ބުނޭ
ރޮއިޓަރސް
ގުދުސްގެ މައްސަލަ
ގުދުސްގެ މައްސަލަ: މިހަފްތާގެ ބަންދުގައި ވެސް އެމެރިކާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް
ކަރާޗީ،އަންކަރާ އަދި ޖަކާޓާގައިވަނީ މުޒާހަރާކޮށްފައި
މިއީ ރައީސް ޓްރަމްޕްގެ ނިންމެވުމާދެކޮޅަށް ޖަކާޓާގައި ކުރެވުނު ހަތަރުވަނަ މުޒާހަރާ
އޯއައިސީންވަނީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ބަލައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާފަ

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅު ހަދައި ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނެއްކާވެސް މުޒާހަރާކުރަން ފަށައިފިއެވެ.

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ރައީސް ޓްރަމްޕް ނިންމަވާފައިވަނީ ޑިސެމްބަރު މަހުގެ ހަވަނަދުވަހުއެވެ.

ރައީސް ޓްރަމްޕްގެ ނިންމެވުމަށް އެގާރަ ދުވަސްވީ ދުވަހު މުޒާހަރާ ބޭއްވި ގައުމުތަކުގެ ތެރޭގައި  އިންޑޮނީޝިއާ އާއި ތުރުކީ އަދި ޕާކިސްތާނު ހިމެނެއެވެ.

އާދީއްތަ ދުވަހު ކުރި މުޒާހަރާތަކުގެ ތެރެއިން އެންމެ ބޮޑު މުޒާހަރާއެއްބާއްވާފައި ވަނީ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައެވެ. ޖަކާޓާގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރިމަތީގައިކުރި މުޒާހަރާގައި ގާތްގަނޑަކަށް 80،000  މީހުން ބައިވެރިވެފައިވެއެވެ.

ފަލަސްތީނުގެ ދިދަ ވިހުރުވަމުން މުޒާހަރާކުރި ފަރާތްތަކުން ވަނީ އެމެރިކާގެ އެމްބަސީ ތެލްއަވީވުން ގުދުސްއަށް ބަދަލުކުރުމަށް ގެންގުޅުއްވާ ޕްލޭން ހުއްޓަވާލެއްވުމަށް ގޮވާލާފައެވެ.

މިއީ ރައީސް ޓްރަމްޕްގެ ނިންމެވުމާދެކޮޅަށް ޖަކާޓާގައި ކުރެވުނު ހަތަރު ވަނަ މުޒާހަރާއެވެ.

ތުރުކީގެ ވެރިރަށް އަންކާރާގައިވެސް ވަނީ ޖަކާޓާއާ އެއްގޮތް މުޒާހަރާއެއް ކުރިޔަށް ގެންގޮސްފައެވެ. ތުރުކީއާ ފަލަސްތީނުގެ ދިދަ ހިފައިގެން މުޒާހަރާކުރި ފަރާތްތަކުންވަނީ" ގުދުސްއަކީ އެމީހުންގެ ތަނެއްކަމަށާއި އެކަން އޮންނާއި އެގޮތުގައި ކަމަށް" ގޮވާލާފައެވެ.

ގުދުސްގެ މައްސަލައިގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީގެ) ޚާއްސަ ކުއްލި ބައްދަލުވުމަކަށް ގޮވާލެއްވީ ވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާންއެވެ.

އިސްތަންބޫލްގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް އޮރްދޮޣާން ވަނީ ޓްރަމްޕްގެ ނިންމެވުމަކީ ނުރައްކާތެރި ނިންމެވުމެއްކަމަށް ގޮވާލައްވައި އިސްރާއީލަކީ ޓެރެރިސްޓް ދައުލަތެއްކަމަށް ސިފަކުރައްވާފައެވެ.

އޯއައިސީން ވަނީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ބަލައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައު އަށް ގޮވާލާފައެވެ.

ގުދުސްގެ މައްސަލައިގައި ޕާކިސްތާނުގެ ކަރާޗީގައިވެސް ވަނީ އެތައް ހާސް ބަޔަކު މުޒާހަރާކޮށްފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް