ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 15:40
ރައީސް ނަޝީދު ކޯޓަސް ހާޒިރު ކުރަނީ
ރައީސް ނަޝީދު ކޯޓަސް ހާޒިރު ކުރަނީ
ރާއްޖެއެމްވީ
ހައްގުތައް
ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން
ކުށެއްގެ ތުހުމަތު ކުރެވޭ ގިނަ މީހުންނަށް ދިފާއުގައި ކުރެވޭނެ ކަމެއް ނެތް
މިނިވަން ކަމާއެކު ހިޔާލުފާޅު ކުރެވޭކަށް ނެތް
އަސާސީ ހައްގުތައް ވަނީ ހަނިކޮށްފައި

ދިވެހިންނަށް އަލަށް ލިބުނު ފެހި ގާނޫނުއަސާސީގެ ދެވަނަ ބާބު "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ބުނެފައިވާ ގޮތުގައި އެންމެހާ ހައްގުތަކާއި، މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ގާނޫނުއަސާސީ ކަށަވަރު ކޮށްދެއެވެ.

ހަމައެހެންމެ މި ބާބުގައި ކަށަވަރު ކޮށްދީފައިވާ އެއްވެސް ހައްގެއްގެ ނުވަތަ މިނިވަން ކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ގާނޫނުއަސާސީއާ ތަޢާރުޒުނުވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުނަކުން ކަމަށް ބުނެފައިވެއެވެ. 

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ވެސް އެއިން ހައްގެއްގެ ނުވަތަ މިނިވަން ކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން ދިމިގުރާތީ މުޖުތަމަޢުއެއްގައި މިފަދަ ހައްގެ ނުވަތަ މިނިވަން ކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށް ގާނޫނުއަސާސީގެ ދެ ވަނަ ބާބުގައި ބުނެފައިވެއެވެ.

މީގެއިތުރުން "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ކަށަވަރު ކޮށްދީފައިވާ އެންމެހާ ހައްގުތައް އެއްވެސް ގޮތަކުން ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވެއެވެ. މި ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެ މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް ނުވަތަ ޖިންސަށް ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަ މަކަށް ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެ ނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުއްދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. 

ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އެންމެހާ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ހިތާމައާއެކު ފާހަގަކޮށްލަން ޖެހެނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަދި ކަށަވަރު ކޮށްދީފައިވާ ހައްގުތައް މިއަދު ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް އެއްވެސް ތަފާތު ކުރުމެއްނެތި ކަށަވަރު ވެފައި ނުވާ ކަމެވެ. 

އެގޮތުން ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެއްޓާއި، ދިރޭތަކެތީގެ މިނިވަންކަމާއި، ގުދުރަތީ ވަސީލަތްތަކާއި، ރީތިކަން މިހާރުގެ ޖީލްތަކަށާއި، އަންނަން އޮތް ޖީލްތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު ފެންނަމުންދާ މަންޒަރަކީ ތަރައްގީގެ ނަމުގައި ރާއްޖޭގެ ގުދުރަތީ ތިމާވެށި ހަލާކު ކުރަމުންދާ މަންޒަރެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ލިބިފައި ނުވާ ގުދުރަތީ އެތައް ވަސީލަތްތަކެއް މި ގައުމުގައި ހުރިއިރު، އެ ވަސީލަތްތައް ދަނީ ހަލާކު ކުރަމުންނެވެ. އޭގެތެރޭގައި ކުޅިތަކާއި ފަރުތަކާއި، މިނޫންވެސް އެތައް ތަނެއް ހިމެނެއެވެ. 

އަދުގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިކަންކަމާ ދެކޮޅަށް އަޑުއުފުލާ ވަކާލާތުކުރާ މިހުންނަކީ ރޯނުއެދުރުންނެވެ. ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރިއަށް ގެންދާ މަޝްރޫޢުތައް ހުއްޓުވަން ބަޔަކު މީހުން ކޯޓަށް ގޮސްފިނަމަ އެ މައްސަލައެއް ކޯޓުން ބޭރުކޮށްލަނީއެވެ. އެ މައްސަލައެއް ކޯޓުގައި ޕާކްކުރެވިގެން ދަނީއެވެ. މިފަދަ ކަމެއް ހުއްޓުވާނެ އަދި ހުއްޓުވަން މަސައްކަތް ކުރަން ކެރޭ ދައުލަތުގެ މުއައްސަސާއެއް މިއަދު ނެތޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. 

ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ވެސް ވަކި އުމުރަކަށް ދިއުމުން މިއަދު ވަނީ ގެއްލިފައެވެ. އެގޮތުން އުމުރުން 65 އަހަރުވުމުން ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމަށް ކުރިމަތިނުލެވޭ ގޮތް މިއަދު ވަނީ ހަދާފައެވެ. ހަމަ ޔަގީނުންވެސް މިއީ ދުނިޔޭގެ މިނިވަން ދިމިގުރާތީ އެއްވެސް ގައުމެއްގައި އަމަލުކުރާ އުސޫލެއް ނޫނެވެ. ގާނޫނުއަސާސީ ބުނާ ގޮތުން ވެސް ވަކި އުމުރެއްގެ މީހަކަށް ވީތީ ހައްގެއް ގެއްލިގެން ދިއުމަކީ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫނެވެ. ނަމަވެސް މިކަމަށް ވެސް ބަހެއް ބުނާނެ ދައުލަތުގެ މުއައްސަސާއެއް މިއަދު މި ރާއްޖޭގައި ނެތެވެ. 

މީހާގެ ފުއްދުންތަރި ކަމަށް ބަލައިގެން ހައްގެއް ހިފަހައްޓައިގެންނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ޖަލަށް ލުމަށް ހުކުމް ކުރި ގާސިމް އިބްރާހިމް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުމަށް ކޯޓުން ހުއްދަދިން ނަމަވެސް ސަރުކާރުން  އެންމެ ފުރަތަމަ ބުނީ ގާސިމް ބޭސްފަރުވާ ކުރުމަށް ބޭނުންވާ ސާމާނާއި ޑޮކްޓަރުން ރާއްޖެއިން ބޭރުން ގެނެސްގެން ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. މިކަމާ ބަހެއް ބުނި ދައުލަތުގެ މުއައްސަސާއެއް ނެތެވެ. އެހީ އަށް އެދި ގޮވުމުން އަޑު އިވުނު ވެރިއެއްނެތެވެ. 

ޝަރީޢަތް ކުުރުމުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު ރައީސް މުހައްމަދު ނަޝީދާއި ޝޭޙް އިމްރާން އަބްދުﷲއާއި ކާނަލް މުހައްމަދު ނާޒިމާއި ގާސިމް އިބްރާހިމްގެ ޝަރީޢަތް ކުރިއަށް ގެންދިޔައީ ގާނޫނުއަސާސީގައި ބުނެފައިވާ ހަމަތަކުގެ މަތިން ކަމަކަށް ދެންނެވޭކަށް ނެތެވެ. މި ބޭބޭފުޅުންގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތައް ކުރިއިރު ދިފާއުގައި ހެކި ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތުތަކެއް ދީފައެއް ނުވެއެވެ. ދިފާއުގައި ހެކި ހުށަހެޅި ނަމަވެސް އެ ހެކިންގެ ހެކިބަސް ނަގާފައެއް ނުވެއެވެ. އިސްލާމީ ޝަރީޢަތުގައި ބުނެފައިވާ ގޮތުން ވެސް މީހެއްގެ މައްޗަށް ޝަރީޢަތެއް ހިންގާއިރު އެ މީހަކަށް ދިފާޢުވުމުގެ ފުރުސަތު ދޭން ޖެހޭނެއެވެ. ދިފާއުގައި ހުށަހަޅާ ހެކިންގެ ހެކިބަސް ނަގަން ޖެހޭނެއެވެ. ނަމަވެސް މިހާ ބޮޑު ހައްގެއް ގެއްލި މުޅި ދިރިއުޅުން ހަލާކުވެގެން ދާއިރު މިކަމަށް އެހީއެއް ވެދޭނެ ދައުލަތުގެ މުއައްސަސާއެއް ނެތެވެ. ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ވެރިންގެ ހިރުވާތަން ކަހާލާނެމޭ ވެސް ހިތަކަށް ނާރައެވެ. 

އިސްލާމީދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެ މަތިން ހިޔާލްފާޅު ކުުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާއިރު އެ ހައްގުން ވެސް މިއަދު ދިވެހި ރައްޔިތުން މިވަނީ މަހުރޫމްވެފައެވެ. ސަރުކާރުން ކުރާ ކަމަކަށް ނުވަތަ މީޑިއާގައި ހަބަރު ގެނެސްދޭ ގޮތަކުން މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަނީއެވެ. ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި އެއްވެއުޅުމުގެ މިނިވަންކަން ގާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާއިރު ބަޔަކު ތަނަކަށް އެއްވެއްޖެނަމަ އެ އެއްވުމެއް ފުލުހުން ރޫޅާލައި އެއްވުމުގެ ތެރެއިން މީހުން ހައްޔަރު ކުރަނީއެވެ. މުޒާހަރާ ކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުން ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައި ވާއިރު މިއަދު އެކަންކަން ކުރުމުގެ ހައްގަކީ ހަމައެކަނި ވަކި ބަޔަކަށް ލިބިފައިވާ ހައްގެއް ކަމަށް ވެއްޖެއެވެ. 

ކޮންމެއަކަސް ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ބޭރުން ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ އެތަކެއް ހައްގުތަކެއް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ނިދާފައި އޮތުމަކީ އެ މުއައްސަސާތަކުން  ގާނޫނުއަސާސީގެ ބާރުކަނޑުވާލުން ނޫން ކޮން އެހެން ކަމެއްތޯއެވެ. ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނަގައިގެން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ނުދެވޭނަމަ އެންމެ ރަނގަޅު ގޮތަކީ ދައުލަތުގެ މުއަސަސާތައް ހިންގަން ތިއްބެވި ވެރިން އެ މަގާމްތަކުން އިސްތިއުފާ ދެއްވުމެވެ. އަދި ހައްގުތައް ހޯދައި ނުދެވޭނަމަ ނަމެއްގައި މުއައްސަސާތައް ބެހެއްްޓުމުގެ ބަދަލުގައި އެތަންތަން އުވާލުން ވެސް މާރަނގަޅުވާނެއެވެ. 

ރާއްޖޭގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. ހައްގުތައް ގެއްލިގެން ވާހަކަ ދައްކަން ގޭގައި ތިއްބަސް އެ ހައްގުތަކެއް ނުލިބޭނެ ވާހަކައެވެ. ހައްގުތައް ބޭނުންވާނަމަ ގާނޫނުގެ އިމުގެ ތެރެއިން އަޑުއުފުލަންޖެހެ އެވެ. ހަނދުމަފުޅު ބަހައްޓަވާށެވެ. ތިމާމެންގެ ހާލަތު ތިމާމެން އަމިއްލަ އަށް ބަދަލު ކުރަން ނޫޅޭހާ ހިނދަކު ތިމާމެންގެ ހާލަތު ބަދަލެއް ނުވާނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް