ކުރިއަށް އޮތް 2018 ވަނަ އަހަރު ފެމިލީ ކޯޓުން ކައިވެނިކޮށްނުދޭނެ ދުވަސްތައް އިޢުލާނުކޮށްފިއެވެ.
އާދީއްތަ ދުވަހު ފެމިލީ ކޯޓުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2018 ވަނަ އަހަރު ޖުމްލަ 60 ދުވަހެއްގައި އެ ކޯޓުން ކައިވެނި ކޮށްނުދޭނެ ކަމަށެވެ.
އެގޮތުން ކައިވެނި ކޮށްނުދޭ ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަހަރުގެ ހުރިހާ ހޮނިހިރު ދުވަހަކާއި، މެއި މަހުގެ 15 އަދި 16 ވަނަ ދުވަހެވެ. މި ދެ ދުވަހު ކައިވެނި ކޮށްނުދޭން ނިންމާފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހާ ގުޅިގެންނެވެ.
ހޮނިހިރު ދުވަހު ކައިވެނިކޮށް ނުދޭން ފެމިލީ ކޯޓުން ނިންމި ނަމަވެސް، އަންނަ އަހަރުގެ އޯގަސްޓް 18، ނުވަތަ އަށާރަ އަށެއް އަށާރަ އަކީ ރީތި ތާރީޚަކަށް ވުމުން އެދުވަހު ގިނަ ބަޔަކު ކައިވެނިކުރަން އެދޭނެތީ، އެދުވަހަކީ ހޮނިހިރު ދުވަހެއް ނަމަވެސް، އެދުވަހު ކައިވެނި ކޮށްދިނުމަށް ފެމިލީ ކޯޓުން ވަނީ ނިންމާފައެވެ.
މި ދުވަސްތަކުގެ އިތުރުން ފިތުރުޢީދުގެ މުނާސަބަތުގައި 14 ޖޫން އިން 17 ޖޫން އަށްވެސް ކައިވެނިކޮށްނުދޭއިރު، އަޟްޙާ ޢީދުގެ މުނާސަބަތުގައި 21 އޮގަސްޓް އިން 24 އޮގަސްޓް އަށްވެސް ކައިވެނިކޮށްނުދިނުމަށް ވަނީ ނިންމާފައެވެ.
ފެމިލީ ކޯޓުން ބުނީ، މި 60 ދުވަސް ފިޔަވައި އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ކައިވެނި ކޮށްދޭނެ ކަމަށެވެ. އަދި ހާއްސަ ޙާލަތެއް މެދުވެރިވެގެން މި 60 ދުވަހުންކުރެ ދުވަހެއްގައި ކައިވެނިކުރަން ބޭނުންވެއްޖެ ނަމަ، ކޯޓަށް އެކަން ލިޔުމަކުން ހުށަހެޅުމުން، މަޤްބޫލު ސަބަބެއްކަން ކޯޓަށް ޤަބޫލު ކުރެވޭ ޙާލަތްތަކުގައި އެދުވަސްތަކުގައި ކައިވެނިކޮށްދިނުމުގެ ކަންތައް ކޯޓުން ހަމަޖައްސައިދޭނެ ކަމަށްވެސް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.
އަންނަ އަހަރުވެސް ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އެ ކޯޓުން ކައިވެނިކޮށްދޭ ގަޑިތަކުގައެވެ. އެއީ ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކުރާނަމަ، ހެނދުނު 09:30 އިން 11:30 އަށް، އަދި މެންދުރުފަހު 13:30 އިން 14:30 އަށެވެ. ނުރަސްމީ ގަޑީގައި ކޯޓުގައާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 އިން 22:00 އަށެވެ.