ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ތ އަތޮޅާއި ގދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ތ އަތޮޅާއި ގދ އަތޮޅުގެ ބޮޑު ބަޔަަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށެެވެ. މި ދެ އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރު 1:00 ގެ ނިޔަލަށެވެ. އާދިއްތަ ދުވަހުވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް އަދި ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ކަނޑުތައް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަތަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާއިރު މި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދުނު ތޫފާން އޮކިގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ގަދަވަޔާ އެކު ވިއްސާރަވެ ގެއްލުންތަކެއްވެސް ލިބުނެވެ.