އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށި އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޙްތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ދައުލަތުން ބުނެފިއެވެ.
އެންވަޔަރަމެންޓަލް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ) އާއި އެންވަޔަރަމެންޓް މިނިސްޓްރީއާ ދެކޮޅަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އިކޯކެއާ އިންނެވެ.
މި މައްސަލައިގައި އާދީއްތަ ދުވަހު ސިވިލް ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިކޯކެއާގެ ގާނޫނީ ވަކީލް ވިދާޅުވީ ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުގައި އިޖުރާޢީ ނުކުތާ ނަންގަވާ ވިދާޅުވެފައި ވަނީ ކޯޓްތަކާ ބެހޭ ގާނޫނުގެ ދަށުން މި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށާއި މި މައްސަލަ ބެލޭނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ.
އިކޯކެއާގެ ވަކީލް ވިދާޅުވީ ދައުލަތުން ނެގި އިޖުރާޢީ ނުކުތާ އަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދީފައިވާ ކަމަށާއި އެގޮތުން އިޖުރާޢީ ނުކުތާ އަށް ޖަވާބްދާރީވުން އޮންނާނީ ބުރާސްފަތި ދުވަހު ކަމަށެވެ.
ވަކީލް ވިދާޅުވީ ދައުލަތުން އެހެން ބުނިއިރު އެ މައްސަލަ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައި އެ ކޯޓުން ހުކުމް ކޮށްފައިވާކަން ވަކީލް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކުޅި ހިއްކުން ހުއްޓުވުމުގެ އަމުރަކަށް އެދި ކުޅުދުއްފުށީގެ މީހަކު އެ ރަށު ކޯޓަށް ކުރިން މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
އިކޯކެއާގެ ވަކީލު މީގެ ކުރިން ރާއްޖެއެމްވީއަށް ވިދާޅުވި ގޮތުގައި މައްސަލައިގައި އެދިފައި ވަނީ އީޕީއޭއިން އާންމުކޮށްފައިވާ އީއައިއޭ ރިޕޯޓާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ގަވައިދާ ހިލާފަށް މަސައްކަތް ކުރިއަށް ގެންދާތީ އެކަން ހުއްޓުވައިދިނުމަށް ކަމަށެވެ. އަދި ސިވިލް ކޯޓަށް އެ ޖަމިއްޔާއިން ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.