ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 09:28
އަލް މަސްރީއަކީ އުރުދުންގެ އެންމެ މުއްސަނދި އެއް ވިޔަފާރިވެރިޔާ
އަލް މަސްރީއަކީ އުރުދުންގެ އެންމެ މުއްސަނދި އެއް ވިޔަފާރިވެރިޔާ
އީޕީއޭ
މަސްރީ ދޫކޮށްލައިފި
ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި
މަސްރީއަކީ ޒާރާ އިންވެސްޓްމަންޓް ހޯލްޑިންގގެ ފައުންޑަރ އަދި އަރަބް ބޭންކްގެ ޗެއަރމަން

ވިޔަފާރި ދަތުރެއްގައި ސައުދީ އަރަބިއްޔާގެ ރިޔާޒަށް ވަޑައިގެން އުޅުއްވަނިކޮށް ހައްޔަރުކުރި  ފަލަސްތީނުގެ ބިލިއަނަރެއް ކަމަށްވާ ސަބީހް އަލް މަސްރީ ދޫކޮށްލައިފިއެވެ.

އާދީއްތަ ދުވަހު ރޮއިޓަރސްއަށް  މަސްރީ ވިދާޅުވީ އޭނާއާމެދު އަމަލުކޮށްފައިވަނީ ވަރަށް އިހުތިރާމާއެކު ކަމަށެވެ.އަދި ވިޔަފާރި ބައްދަލުވުމެއް ނިންމެވުމަށް އުރުދުންގެ ވެރިރަށް އައްމާނަށް އެނބުރި ވަޑައިގަންނަވަން އުޅުއްވާ ކަމަށެވެ.

ސައުދީގެ އިދާރާތަކުން މަސްރީ ދޫކޮށްލުމާއެކު އޭނާވަނީ ރިޔާޒްގައި ހުންނަ އޭނާގެ ގެކޮޅަށް ވަޑައިގެންފައެވެ.

އަރަބި ވެބްސައިޓެއް ކަމަށްވާ ރާއީ އަލް ޔައުމްގައި ބުނެފައިވާ ގޮތުގައި ޒާރާ އިންވެސްޓްމަންޓް ހޯލްޑިންގގެ ފައުންޑަރ އަދި އަރަބް ބޭންކްގެ ޗެއަރމަން މިދިޔަ ހަފްތާގައި ސައުދީގައި ހައްޔަރުކުރީ "ކޮރަޕްޝަނާ ގުޅުން ހުރި މައުލޫމާތުތަކަކާ ގުޅިގެން" ސުވާލުކުރުމަށެވެ.

ހޮނިހިރު ދުވަހު އެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މަސްރީއާ ދެކޮޅަށް ރަސްމީކޮށް އެއްވެސް ދައުވާއެއް އުފުލާފައެއްނުވެއެވެ.

އުމުރުފުޅުން 80 އަހަރުގެ މަސްރީއަކީ ސައުދީ އާއި އުރުދުންގެ ރަށްވެހިކަން ވެސް އޮންނަ ބޭފުޅެކެވެ.

އުރުދުންގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ ކަމަށްވާ އަލް މަސްރީއަކީ ފަލަސްތީނުގެ އެންމެ މުއްސަނދި މީހާ ކަމަށްވާ ބިލިއަނަރު، މުނިބް އަލް މަސްރީއާ ދެބެންގެ ދެދަރި ބޭފުޅެކެވެ.

ފަލަސްތީނުގެ ސިކިއުރިޓީސް އެކްސްޗޭންޖް ފައްޓަވައިދެއްވުމުގެ އިތުރުން އަލް މަސްރީ ވަނީ އިންވެސްޓްމަންޓް ކުންފުނިތައް މެނޭޖްކުރައްވައި މެދުއިރުމައްޗާއި އެހެނިހެން ސަރަހައްދުތަކުގެ އިގްތިސާދީ އިދާރާތައް ހިންގެވުމުގެ މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި އަރަބް ބޭންކް ހިމެނެއެވެ.

އައްމާންގައި މައި މަރުކަޒު ހުންނަ އަރަބް ބޭންކަކީ އުރުދުންގައި އެންމެ ގިނައިން ލޯނުދޫކުރާ އަދި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އިގްތިސާދުގެ މައި އިންޖީނެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް