މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގާނޫނެއް ތައްޔާރު ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިނިސްޓްރީ އޮފް އެންވަޔަމެންޓް އެންޑް އެނާޖީއިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ މިނިސްޓްރީ އާއި އދ.ގެ ތިމާވެށި ޖަމްއިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރމެންޓް ޕްރޮގްރާމާ ގުޅިގެން ހިންގާ ޕްރޮޖެކްޓްގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގާނޫނެއް ޑްރާފްޓްކުރުމުގެ މަސައްކަތް ފަށާފައިވާކަން ވަނީ ހާމަކޮށްފަ އެވެ.
އެހެން ނަމަވެސް ކުރިން ބީލަމަށް ހުށަހެޅުމަށް ހުޅުވާލި ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން ބީލަން ހުޅުވުމުގެ ތާރީހު 21 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން ބީލަން ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގާނޫނެއް ތައްޔާރު ކުރުމުގެ މަސައްކަތް އެންވަޔަރމެންޓް މިނިސްޓްރީން ފަށާފައިވާ އިރު މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ސިޔާސަތުތައް ހަރުދަނާ ކުރުމަށް މީގެ ކުރިންވެސް ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ހިންގާ އެކި މަޝްރޫއުތަކަށް 8.5 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ.