ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން އަކީ މިއަހަރުގައި އެންމެ ކާމިޔާބު އެއްތަރިއެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ޖުޅްވާ 2" އަދި "ބަދްރިނާތު ކީ ދުހާނިޔާ" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި، ކާމިޔާބު ފިލްމުތަކެއްގެ ގޮތުގައި ރޭޓުކުރެވިގެން ދިޔަ ދެ ފިލްމެވެ. މިއިން ކޮންމެ ފިލްމަކަށްވެސް ވަނީ 120 ކުރޯރް އިންޑިއަން ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.
މިދެފިލްމުގެ ކާމިޔާބީއަށްފަހު، ވަރުން ވަނީ އައު ގެއެއް ގަނެފައެވެ. ވެޓްރަން އެކްޓަރު، އަނޫޕަމް ކޭރް ވަނީ ވަރުންގެ އައު ގޭގެ ވީޑިއޯއެއް އިންސްޓަގްރާމަށް އަޕްލޯޑްކޮށްފައެވެ. އަނޫޕަމް އެ ގެ ވީޑިއޯ ކުރަމުން ދިޔައިރު ވަރުން ވަނީ އޭނާއަށް އެ ގޭގެ ޓުއާއެއް ދީފައެވެ.
މި ގެ ބަލާލަން ވަރުން ވަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ދައުވަތު ދީފައެވެ. އޭގެ ތެރޭގައި އަނޫޕަމްގެ އިތުރުން ވަރުންގެ ބައްޕަ އަދި މަޝްހޫރު ޑައިރެކްޓަރ ޑޭވިޑް ދަވަން ހިމެނެއެވެ.
މީގެ އިތުރުން އައު ގޭގައި އޭނާގެ ގާތް ރައްޓެހިންނާއިއެކު ނަގާފައިވާ ފޮޓޯއެއް އޭނާ ވަނީ އިންސްޓަގްރާމަށް ލާފައެވެ.
އެންމެ ފަހުން ވަރުން ޝޫޓްކޮށް ނިންމާފައިވާ ފިލްމަކީ ޑައިރެކްޓަރ ޝޫޖިތު ސިރްކާރްގެ "އޮކްޓޯބަރ" އެވެ. މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.
ވަރުން މިހާރު ޝޫޓްކުރުމަށް ތައްޔާރުވަމުން ދަނީ އަނުޝްކާ ޝަރްމާއާއިއެކު ކުޅޭ ފިލްމް "ސުއީ ދާގާ؛ މޭޑް އިން އިންޑިއާ" އެވެ. ފިލްމްގެ ޝޫޓިން އަންނަ ޖަނަވަރީމަހު ފަށާއިރު ވަރުން ވަނީ މި ފިލްމަށް ތައްޔާރުވުމަށް ފަހަން ދަސްކުރަން ފަށާފައެވެ. ކަރަންގެ އިންސްޓަގްރާމުގައި އޭނާ ފަހާ ފޮއްޓެއް ކައިރީ އިންނަ ފޮޓޯއެއް ވަނީ އާންމުކޮށްފައެވެ. މި ފިލްމުގައި ވަރުން ދަވަން ފެނިގެންދާނީ ފަހާ މީހެއްގެ ރޯލުންނެވެ. މި ފިލްމަކީ އިންޑިއާގެ ކޮޓެޖް އިންޑަސްޓްރީގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.