ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 23:02
ޗިލީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި އެގައުމުގެ ކުރީގެ ރައީސް އަދި ބިލިއަނަރު ސެބަސްޓިއަން ޕިނޭރާ (ވ) އަދި އަނބިކަނބަލުން ސެސީލިއާ މޯރެލް އިންތިޚާބުގައި ވޯޓު ލަނީ
ޗިލީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި އެގައުމުގެ ކުރީގެ ރައީސް އަދި ބިލިއަނަރު ސެބަސްޓިއަން ޕިނޭރާ (ވ) އަދި އަނބިކަނބަލުން ސެސީލިއާ މޯރެލް އިންތިޚާބުގައި ވޯޓު ލަނީ
އީޕީއޭ
ޗިލީގެ ރިޔާސީ އިންތިޚާބު
ޗިލީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރިޔާސީ ދެވަނަ ދައުރަކަށް ސެބަސްޓިއަން ޕިނޭރާ އިންތިޚާބުވެއްޖެ
އިދިކޮޅު ކެންޑިޑޭޓް ގުއީލިއާ ވަނީ ބަލި ގަބޫލު ކުރައްވައި، ޕިނޭރާ އަށް މަރުހަބާ ދަންނަވާފައި
ޕިނޭރާ ވަނީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ޗިލީގެ ވެރިކަން ކުރައްވާފައި

ޗިލީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް، ރިޔާސީ ދެވަނަ ދައުރަކަށް އެގައުމުގެ ކުރީގެ ރައީސް އަދި ކޮންޒަވެޓިވް ބިލިއަނަރު ސެބަސްޓިއަން ޕިނޭރާ އިންތިޚާބުވެއްޖެއެވެ.

ހަތަރު އަހަރަށް ފަހު ޗިލީގެ ރައީސް ކަމަށް ޕިނޭރާ އަލުން އިންތިޚާބުވީ، ދެވަނަ ބުރުގައި ވައަތު ފިޔައިގެ އަލެޚަންދްރޯ ގުއީލިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އިންތިޚާބަށް ފަހު ވޯޓު ގުނުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، ޕިނޭރާ ވަނީ ވޯޓުގެ 54 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. މިނަތީޖާއަށް ފަހު، އިންތިޚާބުގައި އޭނާއާ ވާދަކުރެއްވި ގުއީލިއާ ވަނީ ބަލި ގަބޫލު ކުރައްވައި، ޕިނޭރާ އަށް މަރުހަބާ ދަންނަވާފައެވެ.

އެގައުމުގައި ވެރިކަން ކުރާ ސޯޝަލިސްޓް ފިކުރުގެ ރައީސް މިޝޭލް ބަޗެލެޓް މިއިންތިޚާބުގައި ތާއީދު ކުރައްވާފައި ވަނީ ގުއީލިއާ އަށެވެ.

މި އިންތިޚާބުގައި 14 މިލިއަން މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު، ގައުމުން ބޭރުގައި ދިރިއުޅޭ ޗިލީގެ ރައްޔިތުންނަށް ވޯޓުގައި ބައިވެރިވުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް މިއިންތިޚާބުގައި ލިބިގެންދިޔައެވެ.

އެހެން ނަމަވެސް، ވޯޓު ލާން ނުކުމެފައި ވަނީ ނިސްބަތުން މަދު އަދަދެއްގެ އާއްމުންނެވެ. އިންތިޚާބުގައި ވޯޓު ލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 48.5 އިންސައްތަ މީހުންނެވެ.

އިންތިޚާބުގެ ކާމިޔާބީ އަށް ފަހު ޕިނޭރާ ވަނީ، އެއްބައިވަންތަ ކަމަށް ގޮވާލާފައެވެ.

ޗިލީގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޮޑު އަޣުލަބިއްޔަތަކުން ކުރި ހޯދްދެވީ ވެސް ޕިނޭރާއެވެ. އެހެންނަމަވެސް ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރެވޭ މިންވަރަށް އޭނާ އަށް ވޯޓު ހަމަކުރެވިފައެއް ނުވެއެވެ.

ޕިނޭރާ ވަނީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު ވެރިކަމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރައްވާފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް