ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފައިވަނިކޮށް، މޫސުން ގޯސްވެ، ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެ، މޫސުމަށް ސަމާލުވުމަށް އަންގާފައިވަނީ މާލެ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ބުނީ އެސަރަހައްދުގެ ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މި ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދުގެ ހަވީރު 5:30 އާއި ހަމަޔަށެވެ.
މެޓް އޮފީހުން ހޯމަ ދުވަހުގެ ހެނދުނާއި ހަމަޔަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެއެވެ.
އިރުއުތުރާއި އިރުން މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 05 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ކަނޑުތަކަށް ބަލާއިރު، މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ކަނޑު މަޑުވާނެ ކަމަށާ އަދި ވިލާގަޑުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.