ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޝަރީއަތުގެ ބޭރުން ހައްލުވޭތޯ ބަލަން ފަށައިފި އެވެ.
އަދީބު މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން ހޯމް މިނިސްޓްރީ އަށް ރައްދުވާ ގޮތަށެވެ. މި މައްސަލަވެސް އެންމެ ފުރަތަމަ ހިނގަމުންދަނީ އެ ކޯޓުގެ ޑިސްޕިއުޓް ރިސޮލިއުޝަން ޑިވިޝަނުގަ އެވެ. އާދިއްތަ ދުވަހުގެ މެންދުރުފަހު ބޭއްވި އެންމެ ފުރަތަމަ ބައްދަލުވުމުގައި ދައުލަތުގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ބަންޑާރަ ނައިބު އޮފީހުގެ ވަކީލަށް ދައުވާ ފޯމް ވަނީ ހަވާލުކޮށްފަ އެވެ. އެ މައްސަލާގައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލް ވިދާޅުވީ އެ މައްސަލާގައި ހިމެނޭ މުއައްސަސާތަކާ ވާހަކަ ދައްކާ އެކަން ހިނގާފައިވާ ގޮތް ސާފުކުރަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވާފަ އެވެ. އަދި ޑިސްޕިއުޓްގެ ދެ ވަނަ ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ނިންމަވާފަ އެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރެއްގެ އިތުރުން އެ މައްސަލަ ނިމެންދެން އަދީބު ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ވެސް ސިވިލް ކޯޓުގައި ވަނީ އެދިފަ އެވެ.
މިއަހަރުގެ މާޗް މަހުން ފެށިގެން އަދީބު ހުންނަވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ހުކުމް ތަންފީޒު ކުރަމުންދާ އެހެން ގައިދީން ކަރެކްޝަނުން ބަލަހައްޓާ ޖަލުތަކުގައި ބަންދުކުރި ނަމަވެސް، އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލު ކުރީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމަށް ބުނެ ހޯމް މިނިސްޓަރުގެ އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނާ ގޮތުގައި، އެ މުއައްސަސާއިން ބަލަހައްޓަމުންދަނީ އަދީބުގެ ސަލާމަތީ ކަންކަމެވެ. އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދަނީ ކަރެކްޝަނުންނެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވާއިރު ލޮލަށް ގްލޮކޮމާ ޖެހިފައިވާކަމަށާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.