ދުނިޔޭގެ އެންމެ ބޮޑު އެއް މަހްޖަނު، މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ގޭޓްސް ޗުއްޓީ ހޭދަކުރައްވަނީ އަނަންތާރަ ނަލަދު ރިޒޯޓްގައެވެ. އަދި ބިލް ގޭޓްސް ވަޑައިގަތުމުގެ ކުރިން ސެކިއުރިޓީ ޓީމެއް އެރަށަށް ގޮސްފައިވެއެވެ.
ބިލް ގޭޓްސްއަކީ ދުނިޔޭގެ އެންމެ މުއްސަނި މީހުންގެ ތެރެއިން އެކެކެވެ. 86 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއިއެކު، ގޭޓްސް މިވަގުތުވެސް ހުންނެވީ ފޯބްސް ބިލިއަނަރުންގެ ލިސްޓްގެ އެންމެ ކުރީގައެވެ. އަދި ފާއިތުވިވެގެން ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އޭނާ އަބަދުވެސް އެލިސްޓުގެ އެންމެ މުއްސަނދި 5 މީހުންގެ ތެރޭގައި ހިމެނެއެވެ.
މައިކްރޯސޮފްޓް ހިންގެވުމުން ފެޔަށް ޖެހިވަޑައިގެން ގޭޓްސް ގެންދަވަނީ އަނބިކަނބަލުން މެލިންޑާއާއިއެކު އެދެމަފރިންގެ އެހީދޭ ފައުންޑޭޝަން ހިންގަވަމުންނެވެ. އެގޮތުން ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް އެހީގެ ގޮތުގައި އެކި ޖަމްއިއްޔާތަކަށާއި ސަރުކާރުތަކަށް އެފައުންޑޭޝަނުން ދެއެވެ.
މައިކްރޯސޮފްޓްގެ އިތުރުން ބިލް ގޭޓްސްއަކީ ކާސްކޭޑް އިންވެސްޓްމަންޓްސްގެ ވެރިޔާވެސްމެއެވެ. އެކުންފުންޏަކީ މަޝްހޫރު ލަގްޒަރީ ހޮޓެލް ޗެއިން ފޯރސީޒަންސްގެ މައި އެއް ހިއްސާދާރެވެ. ފޯރ ސީޒަންސްގެ އަނެއް މައި ހިއްސާދާރަކީ މިހާރު ހައްޔަރުކުރެވިފައިވާ ސަޢޫދީގެ ބިލިއަނަރު އަދި ސަޢޫދީ ވަލީޢަޙުދުގެ ދެބެއިންގެ ދެދަރި އަލްވަލީދު ބިން ތަލާލްއެވެ.