ދާދި ފަހުން ކައިވެނިކުރި މަޝްހޫރު ބޮލީވުޑް އެކްޓްރެސް އަނުޝްކާ ޝަރްމާ އަދި ކްރިކެޓް ކުޅުންތެރިޔާ ވިރާތް ކޯލީގެ ހަނީމޫން ކުރިޔަށްދަނީ ފިންލޭންޑްގައި ކަމަށް އިންޑިއާ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ ނޫސް މަޖައްލާއެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އިން ބުނީ އަނުޝްކާ އާއި ވިރާތްގެ ހަނީމޫން ކުރިޔަށްދާ ކަމަށް ބެލެވެނީ ފިންލޭންޑްގައި ކަމަށާއި، އެގޮތަށް ތުހުމަތު ކުރެވެނީ އަނުޝްކާ އޭނާގެ އިންސްޓަގްރާމަށް ލާފައި ހުރި ފޮޓޯތަކުން ކަމަށެވެ.
ވިރާތާއި އަނުޝްކާގެ އިންސްޓަގްރާމުގައި އެދެމީހުން ކައިވެނިކޮށްފައިވާ ފޮޓޯ ލާފައިވާއިރު ދެމީހުން ވެސް ކެޕްޝަންގައި ޖަހާފައިވަނީ އެކައްޗެކެވެ. އެދެމީހުން އެކަކު އަނެކަކު މުޅި އުމުރުގައި އުޅުމަށް ވައުދު ވެއްޖެކަމަށާއި އެންމެންނަށް އެ ޚަބަރު ދޭ ކަމަށް އެ ކެޕްޝަންގައި ވަނީ ލިޔެފައެވެ. އެ އުފާވެރި ދުވަހުގައި އާއިލާއާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބަކީ އެ ދެމީހުންގެ ކައިވެނި ހާއްސަވި ކަމެއް ކަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށް ވަނީ ބުނެފައެވެ. ވިރާތާއި އަނުޝްކާވަނީ ކައިވެނިކުރިކަން ޓްވިޓާ މެދުވެރިކޮށްވެސް އިއުލާންކޮށްފައެވެ.
އަނުޝްކާ އާއި ވިރާތް ކައިވެނިކުރަން އުޅޭ ވާހަކަ އަކީ މިދިޔަ ހަފްތާއިން ފެށިގެން އިންޑިއާގެ ނޫސްތަކުގައި އެންމެ ގިނައިން ދެކެވެމުން އައި އެއް ވާހަކައެވެ. ނޫސްވެރިންނާއި ހަބަރު ފަތުރާ ވަސީލަތްތަކުން މިކަން ކަށަވަރު ކޮށްދެމުން ދިޔައިރު އަނުޝްކާގެ ސްޕޯކްސްޕާސަން ބުނަމުން ދިޔައީ އެއީ ދޮގެއް ކަމަށެވެ.
މިކައިވެނީގެ ހަފްލާއަށް ދައުވަތު އަރުވާފައިވަނީ އަނުޝްކާއާއި ވިރާތުގެ އާއިލާގެ މީހުންނާއި އެންމެ ގާތް މީހުންނަށެވެ.
ޚަބަރުތައް ބުނާގޮތުގައި އެދެމީހުން އެނބުރި އިންޑިއާއަށް އައުމަށް ފަހު ވަރަށް އަވަހަށް ޕާޓީއެއް ބާއްވާނެއެވެ. އެޕާޓީގައި ކްރިކެޓް ކުޅުންތެރިންނާއި ބޮލީވުޑްގެ ތަރިންގެ އިތުރުން އާއިލާގެ މީހުން ބައިވެރިވާނެއެވެ.
ވިރާތާއި އަނުޝްކާ ކައިވެނިކޮށްފައި މިވަނީ ލޯބީގެ ގޮތުން ހަތަރު އަހަރު އުޅުމަށް ފަހުގައެވެ. އެދެމީހުން އެންމެ ފުރަތަމަ ދިމާވެފައިވަނީ އެއްކޮށް ކުޅުނު އިޝްތިހާރަކުންނެވެ.