މެލޭޝިއާގެ ބޮޑުވަޒިރު ދާތޯ ސްރީ މުހައްމަދު ނަޖީބު ތުން އަބްދުއްރައްޒާޤް ސްރީލަންކާއަށް ވަޑައިގެންފިއެވެ.
ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި މެލޭޝިއާއާއި ސްރީ ލަންކާއާދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާނެއެވެ.
ބޮޑުވަޒީރު ނަޖީބު ރައްޒާޤާއި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ. މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ލަންކާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މިއީ ނަޖީބު ރައްޒާޤް ބޮޑުވަޒީރުކަމުގައި ލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މެލޭޝިއާއަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުގައި ނަޖީބު ރައްޒާޤް ލަންކާގައި ދިރިއުޅޭ މެލޭޝިއާގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ލަންކާގައި ޙަރަކާތްތެރިވާ މެލޭޝިއާގެ ކުންފުނިތަކުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާނެއެވެ. އޭގެ ތެރޭގައި ޑާއިލޮގް އެގްޒިއާޓާ އަދި ހައިރެކްސް އޮއިލް ކުންފުންޏާއި ބައްދަލުކުރައްވާނެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤާއި އެމަނިކުފާނުގެ އަނބިކަނބަލުން ރުސްމާ މަންސޫރުގެ އަރިހުގައި މެލޭޝިއާގެ ބައެއް ވަޒިރުންނާއި ސަރުކާރުގެ އިސް ވެރިން ލަންކާއަށް ވަޑައިގެންނެވިއެވެ. ތިން ދުވަހުގެ މި ދަތުރުފުޅަށްފަހު އަނބުރާ މެލޭޝިއާއަށް ވަޑައިގަތުމުގެ ކުރިން ދިވެހިރާއްޖެއަށްވެސް ވަޑައިގަންނަވާނެއެވެ.