ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 03:45
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަﷲގައި ހުރި އިޒްރޭލުގެ ޗެކްޕޮއިންޓެއް ކައިރީގައި އިޒްރޭލުގެ ފައުޖުތަކާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މޫނު ނިވާކޮށްގެން ހުރި ފަލަސްތީނުގެ އާއްމުންގެ މީހަކު ހަރަ
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަﷲގައި ހުރި އިޒްރޭލުގެ ޗެކްޕޮއިންޓެއް ކައިރީގައި އިޒްރޭލުގެ ފައުޖުތަކާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މޫނު ނިވާކޮށްގެން ހުރި ފަލަސްތީނުގެ އާއްމުންގެ މީހަކު ހަރަ
އޭއެފްޕީ
ގުދުސްގެ މައްސަލަ
އެމެރިކާގެ ނައިބު ރައީސް ޕެންސްގެ ދަތުރުފުޅާއި ދިމާކޮށް ގުދުސްގައި މުޒާހަރާ ކުރުމަށް ފަތަހް ޖަމާއަތުން ގޮވާލައިފި
ގުދުސް އަދި ގުދުސްގެ ގަދީމީ ސަހަރުގައި ބުދަ ދުވަހު މުޒާހަރާ ކުރުމަށް ފަތަހް ޖަމާއަތުން ވަނީ ގޮވާލާފަ
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ބުދަ ދުވަހު ގުދުސްއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ޕެންސް އާއި ބައްދަލު ނުކުރެއްވުމަށް ނިންމަވާފަ

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އަންނަ ހަފްތާގެ ތެރޭގައި ގުދުސްއަށް ކުރެއްވުމަށް ނިންމަވާފައިވާ ދަތުރުފުޅާއި ދިމާކޮށް، ގުދުސްގައި މުޒާހަރާތައް ބޭއްވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޖަމާއަތުން ގޮވާލައިފިއެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި ބަލައިގަނެ، އިޒްރޭލުގެ ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ނިންމެވުމާއި ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މުސްލިމުން ދަނީ އިހްތިޖާޖް ކުރަމުންނެވެ.

ގިނަ ޒަމާންތަކެއް ވަންދެން ގުދުސް އާއިމެދު އެމެރިކާއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް، ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރެއްވީ މިމަހުގެ ހަވަނަ ދުވަހުއެވެ.

ޓްރަމްޕްގެ ނިންމެވުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެކަމާއި ދެކޮޅަށް އިހްތިޖާޖް ކުރުމުގެ ގޮތުން އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާއި ބައްދަލު ނުކުރެއްވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ފަލަސްތީން-އިޒްރޭލް ޞުލްހައިގެ މަސައްކަތުން އެމެރިކާ އެކަހެރި ކުރާނެ ކަމުގެ އިންޒާރުވެސް ފަލަސްތީނުން ދީފައިވެއެވެ.

ފަތަހް ޖަމާއަތުން ހޮނިހިރު ދުވަހު އާއްމުކުރި ބަޔާނުގައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުމާއި، ނައިބު ރައީސް ޕެންސްގެ ދަތުރުފުޅާއި ގުޅިގެން ގުދުސް އަދި ގުދުސްގެ ގަދީމީ ސަހަރުގައި ބުދަ ދުވަހަކީ އިހްތިޖާޖް ކުރުމުގެ ދުވަހެއްގެ ގޮތުގައި ނިންމައި، މުޒާހަރާ ކުރުމަށް ގޮވާލާފައެވެ. އެމެރިކާގެ ނައިބު ރައީސް ޕެންސް، ގުދުސްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ.

ގުދުސްގެ މައްސަލައަކީ، ފަލަސްތީނާއި އިޒްރޭލާއި ދެމެދު ހުރި ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައެވެ.

އިޒްރޭލުން ގުދުސްގެ އިރުމަތީގެ ސަރަހައްދު ނުވަތަ އިރުމަތީ ގުދުސް ހިފާފައިވަނީ، 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގެ ތެރޭގައެވެ. އަދި އިޒްރޭލުން ގަބޫލް ކުރަނީ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް، ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައެވެ. އެހެންނަމަވެސް، ފަލަސްތީނުން ގަބޫލް ކުރަނީ އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވެރިރަށުގެ ގޮތުގައެވެ.

ގުދުސް އާމެދު އެމެރިކާ އިން މީގެ ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުކުރި މައްސަލާގައި ފަލަސްތީނާއި އިޒްރޭލުގެ މަޝްރަހް ހަލަބޮލިވެފައިވާއިރު، އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ އާއްމުންނާއި އިޒްރޭލުގެ ފައުޖުތަކާއި ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ހިނގި މިކުރިމަތިލުންތަކުގައި މިހާތަނަށް ފަލަސްތީނުގެ ހަތަރު މީހަކު މަރުވެފައިވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް