ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 08:30
ރާއްޖެޓީވީ ނައިޓް ޝޯގައި ފަތްމިނި ބޮޑުބެރު ގްރޫޕް ލަވައެއް ހުށަހަޅައިދެނީ
ރާއްޖެޓީވީ ނައިޓް ޝޯގައި ފަތްމިނި ބޮޑުބެރު ގްރޫޕް ލަވައެއް ހުށަހަޅައިދެނީ
އަޝްވާ ފަހީމް
ރާއްޖެޓީވީ ނައިޓް
ކާމިޔާބު ކަމާއިއެކު ރާއްޖެޓީވީ ނައިޓް ނިންމާލައިފި
ޝޯ ބާއްވާފައިވަނީ ހުކުރު ދުވަހުގެރޭ
އިންޑިއާގެ އެކްޓްރެސް އަންކިތާ ލޮކާންޑޭ ވަނީ މި ޝޯގައި ޚާއްސަ ހުށަހެޅުމެއް ހުށަހަޅައިދީފައި
ލަންކާގެ މަޝްޙުރު ޖާދޫގަރު އެމިލް އެރަންގަވެސް މި ޝޯގައި ބައިވެރިވެފައިވޭ

ރާއްޖެ ޓީވީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އާންމުނަށް ހުޅުވާލައިގެން އިންތިޒާމްކުރި ރާއްޖެޓީވީ ނައިޓް 2017 ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ހުކުރުދުވަހުގެ ރޭ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ހޯލުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި، މިއުޒިކާއި ޑާންސާއި ޖާދޫގެ ހުނަރުތައް ހިމެނޭ ގޮތަށް އެކިއެކި ހުށަހެޅުންތައް ދައްކާލާފައިވެއެވެ.

މި ޝޯގައި އިންޑިއާގެ ބޮލީވުޑްގައި މަޝްޙޫރު ފަންނާނެއް ކަމަށްވާ އަންކިތާ ލޮކާންޑޭ، ނެށުމުގެ ޚާއްސަ ހަރަކާތެއް ހުށަހަޅައި ދިންއިރު، ސްރީ ލަންކާގެ މަޝްހޫރު ޖާދޫގަރު، އެމިލް އެރަންގަ ވަނީ ޖާދޫގެ ހުނަރުވެސް ދައްކާލާފައެވެ.

 

ސްރީލަންކާގެ މަޝްޙުރު ޖާދޫގަރު، އެމިލް އެރަންގަ

މި ދެ ފަންނާނުންގެ އިތުރުން ރާއްޖޭގެ ބައެއް މަޝްޙޫރު ފަންނާނުން ވެސް މި ޝޯއިން ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ދިވެހި ސޯލޯ ނެށުންތެރިޔާ ސުނީތާ އަލީގެ ދެ ހުށަހެޅުމެއް ދައްކާލާފައިވެއެވެ. ޝޯގެ މައި ބޭންޑެއްގެ ގޮތުގައި ގްރެވިޓީ ބައި ހަބޭސް މިއުޒިކް ކުޅެމުން ދިޔައިރު، މި ޝޯގައި މީރާ މުޙައްމަދު މާޖިދު، ޢަބްދުﷲ ފާލިހު، ޝަލަބީ އިބްރާހިމް، ހައްވާ އަޝްރާ، ބަތޫލް އަޙުމަދު، މުޙައްމަދު މުއައްޒިން، ޙަސަން ތޮލާގް ފަދަ ލަވަކިޔުންތެރިން ވަނީ ލަވަތައް ހުށަހަޅައިދީފައެވެ.

 

ދިވެހި ސޯލޯ ނެށުންތެރިޔާ ސުނީތާ އަލީ

މީގެ އިތުރުން މަޤުބޫލުކަން ހޯދަމުންއަންނަ "ފަތްމިނި ބޮޑުބެރު ގްރޫޕް" ވެސް ވަނީ މި ޝޯގައި ލަވަ ހުށަހަޅައިދީފައިވެއެވެ.

އޯޕަން ބުފޭ އަކާއިވެސް އެކު ކުރިއަށްގެންދިޔަ މި ޝޯއަށް ދިޔަ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، ނަސީބުވެރިންނަށް ވެސް ހޮވި އެވެ. ގުރުއަތުން ހޮވުނު ކޮންމެ ފަރާތަކަށް އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ސްކައިވުޑް ބްރޭންޑްގެ 42 އިންޗީގެ ޓީވީއެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް