ސީރިއާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިޔަށް ގެންދާ މަޝްވަރާތަކުގެ އެންމެ ފަހުގެ ވާހަކަތައް ފެއިލްވީ ހުޅަނގާއި ސައުދީ އަރަބިއްޔާ އަދި އދ. ގެ ސަބަބުން ކަމަށް ސީރިޔާގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާ އިސް މަންދޫބު ތުހުމަތުކުރައްވައިފިއެވެ.
ބަޝާރު އަލް ޖާފަރީ ވިދާޅުވީ ސައުދީ އަރަބިއްޔާގެ ތާއީދު ލިބިފައިވާ ސީރިޔާގެ އިދިކޮޅު ފަރާތްތަކުން މަޝްވަރާގެ ބައެއްގެ ގޮތުގައި ސީރިޔާގެ ރައީސް ކަމުން ބަޝާރުލް އަސަދު ވަކިކުރަން ޝަރުތުކުރާ ކަމަށެވެ.
ޖާފަރީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެގޮތަށް ޝަރުތުކުރާހާ ހިނދަކު އިދިކޮޅު ފަރާތްތަކާއި އަސަދުގެ ސަރުކާރާ ދެމެދު "ސީދާ ވާހަކަތައް" ނުބޭއްވޭނެ ކަމަށެވެ.
މީގެ އިތުރުން ސީރިޔާ އިން އދ. އަށް ކަނޑައަޅުއްވާފައިވާ މަންދޫބު ސްޓެފަން މިސްޗޫރާ އަށް ވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.
މިދިޔަ ބުދަދުވަހު މިސްޗޫރާ ވިދާޅުވީ، ސީރިޔާގައި ރިޔާސީ އިންތިޚާބެއް ބާއްވަން ވެއްޖެކަން ރައީސް އަސަދަށް ވިސްނައިދެއްވުމުގެ ހިތްވަރު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ހުންނަވަން ވާނެ ކަމަށެވެ.
ޖާފަރީ ވިދާޅުވީ ޖެނީވާގައި ބާއްވާ ވާހަކަތަކުގެ މެދުވެރިއެއްގެ ގޮތުގައި ހުންނަވައި ދެއްކެވި އެ ވާހަކައަކީ ސުލްހައިގެ ވާހަކަތަކުގެ މުޅި ޕްރޮސެސް އަށް ވެސް އެކަމުގެ އަސަރުކުރާނެ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިސްޗޫރާ ދެއްވި އިންޓަވިއުގައި އޭނާ ހެއްދެވީ ގޯހެއް ކަމަށާއި މެދުވެރިއެއްގެ ގޮތުގައި އޭނާ އަދާކުރައްވަމުން ގެންދަވާ ދައުރު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމެ ފެށިގެން ދިޔައީ 2011 ވަނަ އަހަރު ރައީސް އަސަދުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނުކުތް ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުން އުފެދުނު ހަމަނުޖެހުންތަކާ އެކުއެވެ.
ހަނގުރާމައަށް ހަތް އަހަރެއްހާ ދުވަސްވެފައިވާއިރު އެތައް ލައްކަ ބަޔަކު މަރުވެ އެތައް މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.