ހައްލަކީ އުމަރު ނަސީރޭ އޭނާ 2008 ގައި ވިދާޅުވިއެވެ. އެވާހަކަ އަޑު އެހި މަދު މީހަކު ނޫނިއްޔާ މިރާއްޖޭގައި ހުރި ކަމަކަށް ނުވިއެވެ. އާދައިގެ ކައުންސިލް އިންތިހާބެއްގައި ވެސް ލިބޭ ވަރަށް ވުރެ މަދުން އުމަރަށް ވޯޓު ލިބުމަކީ އޭގެ ހެއްކެކެވެ. އަނެއްކާ 2013 ގައި ވެސް ފާޑެއްގެ ހުދު ވަލެއްގައި ހިއްޕަވައިގެން އުޅުއްވިއެވެ. ވީކަމެއް ހަރާމެވެ. ވިހި ފޫޓުގެ ހަރުގަނޑަކާއި، ހުދު ވަލެއް ހިފައިގެން މި ދިވެހި ރާއްޖޭގައި ވެރިކަން ނުކުރެވޭނެކަން ބައެއް ބޭފުޅުންނަށް ނޭނގުނަސް، ދިވެހި ރައްޔިތުންނަށް އެނގެއެވެ. ކޮމާންޑް ސެންޓަރު ހިންގާ ގޮތަށް ރައީސް އޮފީސް ނުހިންގޭނެ ކަން ވެސް ދިވެހިންނަށް އެނގެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ވެރިކަމަށް ކުރިމަތި ނުލެވޭނެ ހާލަތެއްގައި ވެރިކަމަށް ޖޭޕީގެ ޓިކެޓްގައި ނިކުންނަންވަން އުމަރު އެހުންނެވީ ފައި ނަންގަވައިގެންނެވެ. މީގެ ކުރިން 2013 ގައި އެ ޕާޓީއާ ގުޅިވަޑައިގެން މަސައްކަތްކުރެއްވީ އަމިއްލަ އަށް އުފެއްދެވި ޕާޓީގަނޑު ވެސް ފައްތާލައްވާފައެވެ. ހަމައެކަނި މަގާމެއްގެ ދަހިވެތި ކަމުގައވެެ. މިފަހަރު ވެސް ހަރުގަނޑު ވިއްދާނެ ޕާޓީއެއް އެނޫނިއްޔާ ނެތެވެ. އެމްޑީޕީގެ ފަލްސަފާއަކީ ކޮންމެއަކަސް އުމަރު މާ ގަޔާވާ ފަލްސަފާއަކަށް ނުވީޔޯލައެވެ. ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. ޕީޕީއެމްއާ ކައިރި ނުވެވޭނެކަން އެނގެއެވެ. ދެން ހަރުގަނޑު ވިއްދަން އިތުރު ޕާޓީއެއް ނެތުމުން އެވިއްދީ ޖުމްހޫރީ ޕާޓީގައެވެ. ވިހި ފޫޓުގެ އެ ހަރުގަނޑު، ޤާސިމް އިބްރާހިމްގެ އިސްތަށިފުޅު މަތިން ގޮސް، ދިވެހި ވެރިކަމާއި ހިސާބަށް ފޯރާނެ ކަމަށް އުމަރު ހިސާބު ޖެއްސެވި ކަމަށް ފެނެއެވެ.
އުމަރު ނަސީރަކީ "އޮޕޮޗޮއުނިސްޓެއް" ކަމަށް ބައެއް މީހުން ސިފަކުރެއެވެ. އުމަރު ފުއްމާލައް ވާނީ ސީދާ ހައިޖާނުގެ މެދަށެވެ. އެކަމުން ފައިދާ ވެސް ނަންގަވާނެއެވެ. އެކަމަކު ނިންމެވުން އެހާ ރަނގަޅެއް ނުވާނެއެވެ. މާޒީ އެކަމަށް ހެކި ދެއެވެ. އެގޮތުން 2008 ގައި ވެސް ވީ އެހެންނެވެ. އަދި 2013 ގައި ވެސް ވީ އެހެންނެވެ. އަބަދުވެސް ވަނީ އެހެންނެވެ.
އެކަމަކު އުމަރު ނަސީރު ބަލައިގަންނަނީ ކިތައް މީހުންތޯއެވެ؟ ކޯލިޝަންގެ ތެރެއިން ބައެއް ބޭފުޅުން ނުސީދާ ނަޒަރަކުން ބައްލަވާ ބައެއް ބޭފުޅުންގެ ތާޢީދު އުމަރަށް ލިބުނަސް، އެއީކީ މުޅި އިދިކޮޅު ކޯލިޝަންގެ ތާޢީދު ލިބުމެއް ނޫނެވެ. އުމަރަކީ ތި ވިދާޅުވާހާ "ކެރިސްމެޓިކް" ލީޑަރެއް ނޫނެވެ. ތިވިދާޅުވާހާ ބަޔަކު ތާޢިދުކުރާ ބޭފުޅެއް ވެސް ނޫނެވެ. ކޮރަޕްޝަންގެ ބޮޑު މައްސަލައެއް އުމަރުގެ ފަހަތުން ނުދުވިޔެއް ކަމަކު، މިނިވަން ފަންސާހުގެ ކަންކަން ދިޔައީ ވެސް ވަކި ތާހިރު ގޮތަކަށް ނޫނެވެ. އުމަރު ހޯމް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ހިނގި ކަންތައްތަކުން އުމަރަށް ރެކިވަޑައިގެންނެވޭކަށް ނޯންނާނެއެވެ.
އައިޑީޕީއަށް އުމަރު ހެއްދެވި ގޮތް ބައްލަވާށެވެ. އެއޮތް ބޮޑު ޑީއާރްޕީއަށް ހެއްދެވި ގޮތް ބައްލަވާށެވެ. އަދި 2013 ވަނަ އަހަރުގެ އިންތިޚާބުގައި ޤާސިމަށް ޖެހުނު ޙާލު ބައްލަވާށެވެ. މިހުރިހާ ފެއިލިއަރއެއްގައި އުމަރުގެ އަތެއް ނުވާ ކަމަށް ބުނަންޏާ ދެން އެކަންކަމުގައި އޮތީ އުމަރުގެ އިތުރު ކޮން ދައުރެއއް ހެއްޔެވެ؟ ޖޭޕީގެ ލީޑަރޝިޕުން އުމަރު ބަލައިގަތަސް، ޖޭޕީގެ އާއްމު މެމްބަރުން ވެސް އުމަރު ބަލައިނުގަންނަކަން ބުރާސްފަތި ދުވަހު ކުނޫޒު ތެރެއިން ވެސް ފެނުނެވެ. ސޯޝަލް މީޑިއާގައި އިދިކޮޅު އެކްޓިވިސްޓުން ކެކިއަރައިގެން ގޮތުން ވެސް އެކަން ވަރަށް ސާފެވެ. ޖޭޕީ އަށް އުމަރު ސޮއިކުރައްވަން އުޅުއްވާ ކަމަށް ވާހަކަ ދެކެވެން ފެށި ހިސާބުން އެކްޓިވިސްޓުން ފާޅުގައި ބުނަން ފެށީ ކޯލިޝަންގެ ނިމުން ކައިރިވެއްޖެ ކަމަށެވެ.
އުމަރު ނަސީރަކީ ވަރަށް ފޯރީގައި މޮޅެތި ވާހަކަ ދައްކަވާ ބޭފުޅެކެވެ. އޮއްޓަރު ހުރިހެން ބައެއް ފަހަރު ހީވެދާނެއެވެ. އެކަމަކު އެއިން ކޮންމެ ވާހަކައެއްގައި ކޮންމެވެސް ބަޔަކަށް ގެއްލުމެއް ނެތި ނުދާނެކަން ތާރީޚުން އެދެނީ ހެއްކެވެ. ޖޭޕީ އަށް ސޮއެކުރެއްވުމަށް ފަހު އެ ދެއްކެވި ވާހަކަޔަށް ވިސްނަވާށެވެ. މުޅި އިދިކޮޅު ކޯލިޝަނަށް އެވާހަތަކުން ކުރީ ފައިދާތޯ، ގެއްލުންތޯ އަމިއްލއަށް ވަޒަންކުރާށެވެ.
އުމަރު ނަސީރާ އެކު އެއް ޕްލެޓްފޯމެއްގައި ނުތިބޭނެ ކަމަށް ވިދާޅުވާ ސިޔާސީ ލީޑަރުން އިދިކޮޅުގައި މަދެއް ނޫނެވެ. ރައީސް މައުމޫނާއި ޚިޔާލުތަފާތުވެ، ފަހުން ޚިޔާލު އެއްގޮތް ވިޔަސް، އުމަރު ނަސީރާ ޚިޔާލު އެއްގޮތް ނުވާނެ ކަމަށް ވިދާޅުވާ ބޭފުޅުން މަދެއް ނޫނެވެ. އެހެންކަމުން އުމަރު ނަސީރަކީ އިދިކޮޅު ފަރާތްތަކަށް ލިބުނު އާ ބާރަކަށް ވުރެ ބޮޑަށް އެޅި ރެނދެއް ކަމަށް ބައެއް މީހުން ސިފަކުރެއެވެ. އަނެއް ބަޔަކު ބުނަނީ އުމަރު ނަސީރަކީ އިދިކޮޅު ކޯލިޝަންގެ ބެކްބޯންގައި އެޅި ރެނދެއް ކަމަށެވެ.
އުމަރުގެ ހުދު ވާ މިހާރު އެއްލައިލީ ރާއްޖޭގެ މަލްޓިޕާޓީ ސިޔާސީ ހަޔާތުގައި އުފެދުނު އެންމެ ބޮޑު، އެންމެ ވަރުގަދަ ކޯލިޝަނަށެވެ. މިހާތަނަށް ބަދަހިކަންމަތީގައި އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަނަށެވެ. އުމަރުގެ ވަލުގައި ހިފައިގެން ސަލާމަތުގެ އައްސޭރިއަށް ދެވުމަށް ވުރެ ފުރުސަތު ބޮޑީ އެ ހުދުވާ އިދިކޮޅު ކޯލިޝަންގެ ކަރުގައި މެހި، ދަންމަޅިއަކަށް ވުމެވެ. އުމަރާ މެދު އިދިކޮޅު ފަރާތްތަކުން ވިސްނަންޖެހެނީ އުމަރުގެ ފަސްބައި ހިސާބަށް ވުރެ ކަޅުވެފައި ހުތުރުވީމައެވެ.