ޖަރުމަނު ބުންޑެސްލީގާގައި ކުޅުނު މެޗުން ބަޔާން މިއުނިކް ހަނި ނަތީޖާއަކުން މޮޅުވިއިރު ޝާލްކޭ ވެސް މޮޅުވެ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި އެފްސީ ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. ބަޔާނުން މި މެޗުގައި ކޮލޯންގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މި ހުރިހާ ހަމަލާއެއްގެ ވެސް ހުރަހަކަށް ވެފައި ވަނީ ކޮލޯންގެ ކީޕަރު ޓީމޯ ހޯންއެވެ. މި މެޗުގައި އޭނާގެ ފަރާތުން ހަތް ސޭވް ފެނިގެންދިޔައިރު އޭނާ ވަނީ މި މެޗުގައި އާދަޔާ ހިލާފަށް މޮޅު ކުޅުމެއް ދައްކާފައެވެ.
ބަޔާނުން ފުރަތަމަ ހާފުގައި ވެސް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެހެން ނަމަވެސް އެ ޓީމަށް މި މެޗުގައި ކޮލޯންގެ ގޯލު ހުޅުވާލެވުނީ 60 މިނެޓު ކުޅެވުނު ފަހުންނެވެ. ބަޔާނުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީއެވެ. މި ލަނޑަށް ފަހު ވެސް ބަޔާނަށް ލީޑު ފުޅާކުރަން ފުރުސަތު ލިބުނެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި އަލްބާ ފޮނުވާލި ހަމަލާއެއް ކޮލޯންގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހުމަށް ފަހު ބޭރަށް ގޮސްފައިވެއެވެ.
ޝާލްކޭ ވެސް ވަނީ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން އޮގްސްބާގް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މި މެޗުގައި ޝާލްކޭގެ ލަނޑުތައް ޖަހައިދިނީ ފްރޭންކޯ ޑިސަންޓޯ އާއި ޑެނިއެލް ކަލިގުއީރީގެ އިތުރުން ގުއިޑޯ ބާގްސްޓެލާއެވެ. އޮގްސްބާގްއިން މި މެޗުގައި ޖެހި ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކަޔޫބީ ފްރޭންސިސްކޯ ޑަސިލްވާ އަދި މައިކަލް ގްރެގޮރިޓްޝްއެވެ.
ބުންޑެސްލީގާގައި ހާތާ ބާލިން ވެސް ވަނީ 3-1 ގެ ނަތީޖާއަކުން ހެނޯވާ ބަލިކޮށްފައެވެ. މި މެޗުގައި ހާތާ ބާލިންގެ ސޮލޮމޮން ކަލޫ އެ ޓީމަށް ދެ ލަނޑު ޖަހައިދިންއިރު ޖޯޑަން ޓޯރުނަރީގާ ވެސް ވަނީ ލަނޑެއް ޖަހައިދީފައެވެ. ހެނޯވާއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔަބުކޮށްދިނީ އިހްލާސް ބޭބޫއެވެ.
ހަމައެހެންމެ ބަޔާ ލެވަކޫސެން ވެސް ވަނީ 1-0 ގެ ނަތީޖާއަކުން ވާޑާ ބްރޭމެން ބަލިކޮށް ތާވަލުގެ ކުރިޔަށް ޖެހިލާފައެވެ. ލެވަކޫސެންގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ލޫކަސް އަލާރިއޯއެވެ.
ބުންޑެސްލީގާގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު އެއްވަނައިގައި 38 ޕޮއިންޓާއެކު އޮތީ ބަޔާން މިއުނިކެވެ. ދެވަނައިގައި 29 ޕޮއިންޓާ އެކު ޝާލްކޭ އޮތްއިރު ތިންވަނައިގައި 28 ޕޮއިންޓާ އެކު އޮތީ އާރްބީ ލީޕްޒީގްއެވެ. ހަތަރު ވަނައިގައި 27 ޕޮއިންޓާއެކު އޮތީ ބަޔާ ލެވަކޫސަންއެވެ.