ކ. މާލެ
|
14 ޑިސެންބަރ 2017 | ބުރާސްފަތި 18:01
މި މެޗުން ރެއާލް މޮޅުވި ލަނޑު ޖަހައިދިން ވޭލްސްގެ ފޯވާޑް ގެރެތު ބޭލް
މި މެޗުން ރެއާލް މޮޅުވި ލަނޑު ޖަހައިދިން ވޭލްސްގެ ފޯވާޑް ގެރެތު ބޭލް
ފީފާ
ފީފާ ކްލަބް ވޯލްޑް ކަޕް
ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ރެއާލް ދަތުރުކޮށްފި
ރެއާލް ވަނީ ފަހަތުން އަރައި 2-1 ޔޫއޭއީގެ އަލްޖަޒީރާ ބަލިކޮށްފައި
ރެއާލް މި މެޗުން މޮޅުވި ލަނޑު ޖެހީ ބޭލް

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މިހާރު ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ސްޕެއިންގެ ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.

ރެއާލްއަށް ފައިނަލުގެ ޖާގައެއް ލިބުނީ ސެމީގައި ޔޫއޭއީގެ ޗެމްޕިއަން އަލްޖަޒީރާއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ރެއާލްއިން މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކިއިރު އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފުގައި ރެއާލްއިން ތަކުރާރުކޮށް ހަމަލާ އުފައްދަމުން ދަނިކޮށް މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އަލްޖަޒީރާއިންނެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އަލްޖަޒީރާއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބްރެޒިލް ފޮވާޑް ރޮމަރީނިއޯއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އަލްޖަޒީރާއިން ފުރަތަމަ ހާފު ނިންމާލިއިރު ރެއާލްއިން ދެވަނަ ހާފަށް ނުކުތީ ނަތީޖާ ބަދަލުކޮށްލުމުގެ އުއްމީދުގައެވެ. ރެއާލްއިން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 53 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނުމެވެ. ރެއާލް މެޗުން މޮޅުވި ލަނޑު 81 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ވޭލްސްގެ ފޯވާޑް ގެރެތު ބޭލްއެވެ.

މި މެޗުގައި ޖެހި ލަނޑާއެކު ރޮނާލްޑޯ ވެގެން ގޮސްފައި ވަނީ ހަ ލަނޑާއެކު މި މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.

މި މެޗުން ރެއާލް މޮޅުކޮށްދިން ލަނޑު ޖެހި ބޭލް ބުނީ މުހިންމު ލަނޑެއް ޓީމަށް ޖަހައިދެވުމުން ވަރަށް އުފާވާ ކަމަށާއި އެއްކޮށް ފިޓުވާން އަދިވެސް ވަގުތު ބޭނުންވާ ކަމަށެވެ. ބޭނުންވާ ވަރަށް ވަގުތު ނުލިބިއްޖެ ނަމަ އަނެއްކާ ވެސް އިންޖަރީވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަށް ތަން ނުދޭން މަސައްކަތްކުރާނެ ކަމަށް ބޭލް ބުނެފައިވެއެވެ.

މެޑްރިޑް ކޮޅަށް ލަނޑެއް ވަނުމުގެ ކުރިން އެ ޓީމުން ދެ ލަނޑު ޖެހިއެވެ. އެހެން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީގެ ބޭނުން ހިފައި މެޗުގެ ހެޑް ރެފްރީ އެއީ ލަނޑުގެ ގޮތުގައި ބަލާފައެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން ބޭލް ބުނީ ވީޑިއޯ ރެފްރީން ބޭނުންކުރުމަކީ އޭނާ ގަޔާވާ ކަމެއް ނޫން ކަމަށާއި ފުޓްބޯޅައަށް ބަދަލު ގެންނަން އޭނާ ބޭނުންނުވާ ކަމަށެވެ.

ރެއާލް ފައިނަލުގައި ވާދަކުރަން ޖެހޭނީ މިދިޔަ ސީޒަނުގެ ކޮޕަ ލިބެރްޓަޑޯރެސްގެ ޗެމްޕިއަން ކަމަށްވާ ބްރެޒިލްގެ ގްރޭމިއޯއާ ދެކޮޅަށެވެ. ގްރޭމިއޯއިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި މެކްސިކޯގެ ޕަޗޫކާ 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ގްރޭމިއޯގެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް އެވަޓަން ސޮއާރޭސްއެވެ.

މި ދެ ޓީމު ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު މިފަހަރުގެ ޗެމްޕިއަންކަން ރެއާލްއިން ހޯދައިފި ނަމަ އެ ޓީމަށް މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމުގެ ރެކޯޑާއި އަރާ ހަމަކުރެވޭނެއެވެ. މިވަގުތު މި ރެކޯޑު އޮންނަނީ ރެއާލްގެ ވާދަވެރި ބާސެލޯނާ އަތުގައެވެ. ރެއާލްއިން ވަނީ 2014 ވަނަ އަހަރާއި 2016 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް