މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވި ގޮތުގައި، މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އަނބިކަނބަލުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާނީ އަންގާރަ ދުވަހު އެވެ. ނަޖީބު ރައްޒާގުގެ ދެކަނބަލުން ބުދަ ދުވަހު ރާއްޖެއިން ފުރާވަޑައިގަންނަވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވި ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މީގެ ކުރިން ދެފަހަރެއްގެ މަތިން ނަޖީބު ރައްޒާގު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިން ވިދާޅުވެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރައީސް ޔާމީން މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވައި އެކަން ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުން، މުއާޒު ވިދާޅުވި ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ދެގައުމުގެ މެދުގައި ގުޅުުން ބަދަހިކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ފަހުމުނާމާތަކުގައި ސޮއިކުރެވޭނެ އެވެ.
ރާއްޖެ ވަޑައިގަތުމުގެ ކުރިން ނަޖީބު ރައްޒާގު ފުރަތަމަ ވަޑައިގަންނަވާނީ އާދިއްތަ ދުވަހު ސްރީ ލަންކާއަށެވެ. ރާއްޖެ ވަޑައިގަންނަވާނީ ސްރީ ލަންކާ ދަތުރުފުޅަށް ފަހު އެވެ.
މެލޭޝިއާގެ ބޮޑުވަޒީ ނަޖީބު ރައްޒާގު އަންގާރަ ދުވަހު ރާއްޖެ ވަޑައިގަންނަވާއިރު، މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ ވަޑައިނުގަންނަވާތާ 33 އަހަރުވެއްޖެ އެވެ. އެންމެފަހުން މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ ވަޑައިގަންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1984 ވަނަ އަހަރު އެވެ. އެއިރު އެގައުމުގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެންނެވީ މަހާތީރު މުހައްމަދު އެވެ.