ކ. މާލެ
|
14 ޑިސެންބަރ 2017 | ބުރާސްފަތި 14:28
ކާލޯސް ޕުޔޯލް މި އެވޯޑު ނައިޓުގައި ބައިވެރިވާނެ
ކާލޯސް ޕުޔޯލް މި އެވޯޑު ނައިޓުގައި ބައިވެރިވާނެ
އެފްއޭއެމް
މޯލްޑިވްސް ފުޓްބޯލް އެވޯޑްސް
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ބައިވެރިވުމަށް ޕުޔޯލް ރާއްޖެ އަންނަނީ
ޕުޔޯލް ވަނީ މީގެކުރިންވެސް ރާއްޖެ އައިސްފަ
އޭނާ ވަނީ ބާސެލޯނާ އަދި ސްޕެއިންގެ ގައުމީ ޓީމާއެކު ގިނަ ކާމިޔާބުތަކެއް ހޯދާފައި
މި ޝަރަފުވެރި އެވޯޑު ނައިޓް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި މޯލްޑިވްސް ސޮކާ ގުޅިގެން ބާއްވާ 'މޯލްޑިވްސް ފުޓްބޯލް އެވޯޑްސް' ގެ ހާއްސަ މެހުމާނެއްގެ ގޮތުން ސްޕެއިން އަދި ބާސެލޯނާގެ ލެޖެންޑް ކާލްސް ޕުޔޯލް ބައިވެރިވާނެ ކަމަށް މި އެވޯޑު އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

ޕުޔޯލް ވަނީ މީގެކުރިން ވެސް ރާއްޖެ އައިސްފައެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ނ. އަތޮޅަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ 'ސިޔާމް-މައުރޫފް ސޮކާ ކަޕް' ގެ މިދިޔަ އަހަރުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދިނުމަށް އޭނާ ވަނީ ރާއްޖެ އައިސްފައެވެ.

ޕުޔޯލްއަކީ ހުނަރުވެރި ވަރުގަދަ ޑިފެންޑަރެއްގެ ގޮތުގައި ދުނިޔޭގެ މަޝްހޫރުކަން ހޯދި ކުޅުންތެރިޔެކެވެ. އޭނާއާ ދެކޮޅަށް ކުޅުނު ކުޅުންތެރިން އޭނާ ސިފަ ކުރަނީ 'ޑިފެންސިވް ރޮކް' އެއްގެ ގޮތުގައެވެ. އޭނާ ކައިރިން ނައްޓާލުމަށް ފަހު ދިޔުމަކީ ދުނިޔޭގައި އުފެދުނު އެންމެ ކުޅަދާނަ ފޯވާޑުންނަށް ވެސް އުނދަގޫ ކަމެކެވެ.

ބާސެލޯނާ އަދި ސްޕެއިން އާއިއެކު ގިނަ ކާމިޔާބުތަކެއް ހޯދި ޕުޔޯލް ކުޅުން ހުއްޓާލީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްއާއި 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

ހަމައެހެންމެ ބާސާގެ ކެޕްޓަނެއްގެ ހައިސިއްޔަތުން އޭނާވަނީ އެ ޓީމާއެކު 20 ތައްޓެއް ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ޓީމުން ތިން ފަހަރު އޭނާ ޖާގަ ހޯދިއިރު ޔުއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ޓީމުން އޭނާވަނީ ހަ ފަހަރެއްގެ މަތިން ޖާގަ ހޯދާފައެވެ. މީގެއިތުރުން އުމުރުން 39 އަހަރުގެ ޕުޔޯލްއަކީ ފީފާއިން ހޮވި މި ގަރުނުގެ އެންމެ މޮޅު ޓީމުގައި ހިމެނޭ ކުޅުންތެރިޔެކެވެ.

ޕުޔޯލް ބައިވެރިވާ މި ހަފްލާގައި ހޮވުމަށް ހަމަޖެހިފައިވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފޯވާޑް އަލީ ފާސިރް (ސެންޓޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ނިއުގެ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުހައްމަދު އުމެއިރުގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް މި ސީޒަނުގައި ދެއްކި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ހަމަ އެ ޓީމުގެ ހުނަރުވެރި ވިންގާރ ނާއިޒް ހަސަން (ދާދު) އެވެ.

އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ ޓީސީގެ މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި މާޒިޔާގެ ކޯޗުގެ ގޮތުގައި ފެނިގެންދިޔަ މަރްޖާން ސެކުލޮވެސްކީ އަދި ނިއުއަށް އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ހޯދައިދިން ސްޕެއިންގެ ކޯޗު އޮސްކާ ބްރޫޒޯންއެވެ.

ވޯޓު ދީގެން ހޮވާ އެންމެ މޮޅު ކޯޗާއި އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް މިފަހަރު ވޯޓު ދޭނީ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކޯޗުންނާއި ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީމުތަކުގެ ކެޕްޓަނުންގެ އިތުރުން ކުޅިވަރު ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނެވެ.

މިދިޔަ އަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސެންޓޭ ހޯދިއިރު އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ނިޒާމްބެއެވެ.

ޕުޔޯލް ބައިވެރިވާ މި ޝަރަފުވެރި އެވޯޑު ނައިޓް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.

- ކޮމެންޓް