އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ޖަމްޝީދުގެ މަގާމު ދެ ދަރަޖަ ދަށްކޮށްފި އެވެ.
ކުރިން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމު ވެސް އަދާކުރެއްވި ޖަމްޝީދުގެ މަގާމަށް ފުރަތަމަ ގެނައީ އެއް ދަރަޖައިގެ ދަށްވުމެކެވެ. އެހެންނަމަވެސް، ފަހުން ވަނީ އަނެއްކާ ވެސް އިތުރު އެއްދަރަޖަ ދަށްކޮށްފަ އެވެ.
ފުލުހުންގެ ނޯޓިސް ބޯޑަށް އާދިއްތަ ދުވަހު އެރުވި ލިޔުމުގައިވާ ގޮތުގައި، ޖަމްޝީދުގެ މަގާމު ދެ ދަރަޖަ ވަނީ ދަށްކޮށްފަ އެވެ. އެ ލިޔުމުގައިވާ ގޮތުގައި، ޖަމްޝީދުގެ މިހާރުގެ މަގާމަކީ ސުޕްރިންޓެންޑެންޓެއްގެ މަގާމެވެ.
ފުލުހުންގެ މަގާމުތަކުގެ ތަރުތީބު އޮންނަ ގޮތުން އޭސީޕީއާއި ޖެހިގެން ދަށަށް ދެން ތިބޭނީ ޗީފް ސުޕްރިންޓެންޑެންޓުންނެވެ. ސުޕްރިންޓެންޑެންޓުންނަކީ ޗީފް ސުޕްރިންޓެންޑެންޓުންގެ ދަށަށް އޮންނަ މަގާމެކެވެ.
ޖަމްޝީދުއާ މެދު މި ފިޔަވަޅުތައް އަޅަން ނިންމީ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ. އެހެން ނަމަވެސް، ޖަމްޝީދުގެ މަގާމު ދަށްކުރުން ލަސްވެގެންދިޔައީ، މަގާމު ދަށްކުރުމަށް ފުލުހުން ފޮނުވި ލިޔުމުގައި ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ސޮއި ނުކުރައްވައި ގިނަ ދުވަސް ވުމުންނެވެ. ހޯމް މިނިސްޓަރު ސޮއި ނުކުރައްވަނީސް ފުލުހުންގެ މަތީ މަގާމުތަކަށް ބަދަލުނުގެނެވެއެވެ.
ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި "އެއްޗެއް" ގޮވިއިރު، ޖަމްޝީދު ހުންނެވީ ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުގަ އެވެ. އެހެންނަމަވެސް، އެ ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ނުވަނީސް އެ މަގާމުން ޖަމްޝީދު ދުރުކުރި އެވެ.
ޖަމްޝީދުއާ މެދު ފިޔަވަޅު އެޅިއިރު، ފުލުހުންގެ އިތުރު ދެ އެސިސްޓެންޓް ކޮމިޝަނަރަކާ މެދުވެސް ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަނީ ވަކިކޮށްފަ އެވެ. އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްއާ މެދު ފިޔަވަޅު އަޅައި، ޗީފް ސުޕްރިންޓެންޑެންޓެއްގެ މަގާމަށް ވަނީ ދަށްކޮށްފަ އެވެ.