ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އުތުރު ފަރާތުގައި ފްރީ ޑައިވްކުރަން އުޅެނިކޮށް ގެއްލުނު ބިދޭސީ މުވައްޒަފު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ ބިދޭސީ މުވައްޒަފުގެ ހަށިގަނޑު ފެނިފައިވަނީ އދ. މަހިބަދޫ ކައިރި އޮންނަ މާފަރު ކިޔާ ފަޅެއްގެ ތެރެއިން ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10.50 ހާއިރު ކަމަށް ވިދާޅުވެފައެވެ.
އަދި، މިހަށިގަނޑަކީ ސެންޓާރާ ގްރާންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާއިން ގެއްލިގެން ހޯދަމުން ދިޔަ މުއައްޒަފުގެ ހަސިގަނޑުކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ހޯމަ ދުވަހު ހަވީރު 05:34 ހާއިރު އެވެ. އެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ން ވަނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
މި މީހާ ފްރީ ޑައިވިންއަށް ފައިބާފައި ވަނީ ސެންޓާރާ ގްރޭންޑު ރިސޯޓުގެ އުތުރު ފަރާތަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެ އެވެ. އެ މީހާ އެންމެ ފަހުން ލައިގެން ހުރީ ގަދަ ނޫ ކުލައިގެ ސްކޫބާ ޕްރޯ ޑައިވް ޝޯޓީ ސޫޓެކެވެ. އަދި އެމީހާގެ އިސްކޮޅުގައި ފަސް ފޫޓް ހުންނަ ކަމަށާއި އެމީހާއަކީ ހަމުގެ ކުލަ ދޮން މީހެއް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އެމީހާއަކީ 25 އަހަރުގެ ޗައިނާ މީހެކެވެ.