އޮސްޓްރޭލިޔާގެ އެންމެ ބޮޑު ބޭންކުން އެންޓި މަނީ ލައުންޑަރިންގ ޤާނޫނާ ޚިލާފަށް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ 53،000 އަށްވުރެ ގިނަ ޓްރާންސެކްޝަންގެ މައުލޫމާތު ހާމަކުރުން ލަސްވެއްޖެކަމަށް އެ ބޭންކުން އެއްބަސްވެއްޖެއެވެ.
އޯގަސްޓް މަހު އެ ގައުމުގެ ފައިނޭންޝަލް އިންޓެލިޖެންސް އޭޖެންސީންވަނީސްމާޓް އޭޓީއެމް މެދުވެރިކޮށް ހިންގި ޓްރާންސެކްޝަންތައް ދެއްކުމަށް ކޮމަންވެލްތު ބޭންކުން ނުކުޅެދުނުކަމަށް ބުނެ ކޯޓް މެދުވެރިކޮށް ފިޔަވަޅު އަޅާފައެވެ.
މިދިޔަ ބުދަ ދުވަހު ބޭންކުންވަނީ ބައެއްކަންކަން ފެއިލްވެފައިވާކަމަށް އެއްބަސްވެފައެވެ.
އޮސްޓްރޭލިއަން ޓްރާންސެކްޝަންސް ރިޕޯޓްސް އެންޑް އެނަލިސިސް އިން ތުހުމަތުކޮށްފައިވާގޮތުގައި އެ ބޭންކުންވަނީ އެއްފަހަރާ ޓްރާންސްފަރ ކުރެވޭ ނުވަތަ ޖަމާކުރެވޭ އަދަދު ކަމަށްވާ 10،000 އޮސްޓްރޭލިއާ ޑޮލަރަށްވުރެ ގިނަވާގޮތަށް ހެދި 53،506 ޓްރާންސެކްޝަނެއްގެ މައުލޫމާތު ދިނުމަށް އުޒުރުވެރިވެފައެވެ. އިންޓެލިޖެންޓް ޑިޕޮސިޓް މެޝިންތައް ބޭނުންކޮށްގެން ހެދި މި ޓްރާންސެކްޝަންތައް ހަދާފައިވަނީ ނޮވެމްބަރު 2012 އާއި ސެޕްޓެމްބަރު 2015އާ ދެމެދުއެވެ.
ކާކުކަށް ނޭނގޭ ފަރާތްތަކަށް ފައިސާ ޑިޕޮސިޓްކުރުމުގެ ފުރުސަތު ދީފައިވާތީ މި ޓްރާންސެކްޝަންތަކަކީ ކުށްވެރިންތަކެއް މަނީ ލައުންޑަރކުރަން ހިންގާފައިވާ މުއާމަލާތްތަކެއްކަމަށްވަނީ ތުހުމަތުކުރެވިފައެވެ. ނަމަވެސް އެ ބޭންކުންވަނީ ރިޕޯޓް ކުރުމާއި ބޭންކުގެ މަސައްކަތަށް ފަރުވާތެރިވުމާ ބެހޭގޮތުން އޮތް 102 ޝަކުވާއަކަށް ދެކޮޅު ހަދާފައެވެ. 53،506 ޓްރާންސެކްޝަނަކީ ބޭންކްގެ ފެއިލިއާއެއް ކަމަށް ބޭންކުން ގަބޫލެއް ނުކުރެއެވެ.
ބޭންކުން ބުނާ ގޮތުގައި އެއީ ސިސްޓަމް އެރާއެއްގެ ސަބަބުން ދިމާވި ކަމެއްކަމަށްވާއިރު އެކަމާމެދު ފިޔަވަޅު އަޅަންޖެހޭނީ ވަކިންކަމަށް ބޭންކުން ބުނެއެވެ.
ބޭންކުންވަނީ އިންޓެލިޖެންޓް ޑިޕޮސިޓް މެޝިންތައް ބޭނުންކޮށްގެން ނަހަމަ މުއާމަލާތްތައް ހިންގާތޯ ބެލުމަށް ބޭނުންކުރާ ރިސްކް އެސެސްމެންޓް ސްޓޭންޑަޑަށް އޭޓީއެމް ފެއްތުމަށް ފެއިލްވެފައިވާކަމަށްވެސް އެއްބަސްވެފައެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް އޮސްޓްރޭލިޔާގެ ސަރުކާރުން ޚާއްސަ ކޮމިޝަނަކަށް އަންގާފައިވާއިރު މި ތުހުމަތުތައް ސާބިތުވެއްޖެނަމަ، މަނީ ލައުންޑަރިންނާ ޓެރެރިޒަމަށް ފައިނޭސްކުރުން މަނާކުރުމާބެހޭ ގާނޫނުތަކުގެ ދަށުން އެ ބޭންކު އެތައް މިލިއަން ޑޮލަރަކުން ޖޫރިމަނާކުރާނެއެވެ.