ކ. މާލެ
|
14 ޑިސެންބަރ 2017 | ބުރާސްފަތި 10:13
ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޔުނައިޓެޑާއި ޓޮޓެންހަމް މޮޅުވިއިރު އާސެނަލް އެއްވަރުވެއްޖެ
ބޯންމައުތްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ވަނީ މޮޅުވެފައި
ޓޮޓެންހަމްވަނީ 2-0 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައި
ވެސްޓް ހަމްއާ އާސެނަލް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ކުޅުނު މެޗުތަކުން އެ ދެ ޓީމު މޮޅުވިއިރު އާސެނަލް ކުޅުނު މެޗުން އެ ޓީމު އެއްވަރުވެއްޖެއެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު މިދިޔަ ހަފްތާގައި މެންޗެސްޓާ ސިޓީ އަތުން ބަލިވެ އެ ޓީމަށް ވަނީ ތަށި ހޯދުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ. އެހެން ނަމަވެސް އަމިއްލަ ދަނޑުގައި ބޯންމައުތްއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޔުނައިޓެޑުން ވަނީ ތަށި ހޯދުމުގެ އުއްމީދު ދަމަހައްޓާފައެވެ.

މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު ބޯންމައުތްއިން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެން ނަމަވެސް ތަކުރާރުކޮށް ބޯންމައުތްއިން އުފައްދަމުންދިޔަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހޭއާއެވެ. އޭނާ ވަނީ މި މެޗުގައި ގިނަ ސޭވްތަކެއްކޮށް މޮޅު ކުޅުމެއް ދައްކާފައެޗެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ޔުނައިޓެޑަށް ޖަހައިދިނީ ރޮމެލޫ ލުކާކޫއެވެ. އޭނާ މި ލަނޑު ޖެހީ ހުއާން މަޓާ ނެގި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އަމިއްލަ ދަނޑުގައި ބްރައިޓަން އެންޑް ހޯވް އަލްބިއޯންއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޓޮޓެންހަމްއިން ވަނީ ގަދަ ހަތަރެއްގެ ޖާގައެއް ހޯދާފައެވެ. ޓޮޓެންހަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ސާޖް އޮރިއާ ޖަހައިދިންއިރު މެޗުގެ 87 ވަނަ މިނެޓުގައި ދެކުނު ކޮރެއާގެ ފޯވާޑް ހެއުން މިން ސޮންވަނީ ލަނޑެއް ޖަހައިދީ އެ ޓީމަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ ތާވަލުގެ ކުރިޔަށް ޖެހުމަށް އާސެނަލްއިން ކުރަމުން އަންނަ މަސައްކަތްތަކަށް ވަނީ ހުރަސްތަކަކާއި ކުރިމަތިވެފައެވެ. މި މެޗުގައި ވެސްޓް ހަމްގެ ފޯވާޑް މާކޯ އަރްނޯޓޮވިޗް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައި ނިންމާފައެވެ. މި ފުރުސަތުގެ އިތުރަށް ވެސް އެ ޓީމުގެ މެކްސިކޯ ފޯވާޑް ހަވިޔާ ހަނާންޑޭޒް ފޮނުވާލީ ހަމަލާއެއް ވެސް ވަނީ އާސެނަލްގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

ޕްރިމިއާ ލީގުގެ ތާވަލުގައި 49 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 38 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ޗެލްސީއަށް 35 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު 31 ޕޮއިންޓާއެކު ހަތަރުވަނަ ލިބޭނީ ޓޮޓެންހަމްއަށެވެ. ލަނޑުގެ ތަފާތުން ފަސްވަނަ ލިބެނީ ލިވަޕޫލްއަށެވެ. ލިވަޕޫލްގެ ފަހަތުން ބާންލީއަށް ހަވަނަ ލިބޭއިރު އާސެނަލްއަށް 30 ޕޮއިންޓާއެކު ލިބެނީ ހަތްވަނައެވެ.

- ކޮމެންޓް